މަޝްހޫރު ވާހަކަ ލިއުންތެރިޔާ ބިންމާ ވަހީދު "ހަވީރު" ނޫހުގައި ގެނެސް ދިން ތިން ވާހަކައެއް ފޮތެއްގެ ސިފައިގައި ބާޒާރަށް ނެރެން ނިންމައިފި އެވެ.
ކާމިޔާބް ގިނަ ވާހަކަތަކެއް ލިޔެ އަދި ގިނަ ބައެއްގެ މަގުބޫލްކަން ވަރަށް ބޮޑަށް ހޯދާފައިވާ ލިއުންތެރިޔާ ބުނީ އޭނާ މި ފަހަރު ނެރެން އުޅޭ ތިން ވާހަކައަކީ "ހަވީރު" ގައި ގެނެސް ދިން ކިއުންތެރިންގެ ވަރަށް ބޮޑު މަގުބޫލްކަމެއް ހޯދި "ހިންތާ" އާާއި "ވަހުމް" ގެ އިތުރުން "އިޝްގް" ކަމަށެވެ.
މި ތިން ވާހަކަ ވަކިވަކި ފޮތްތަކެއްގެ ސިފައިގައި ނެރެން ހަމަޖެއްސި ނަމަވެސް، ބާޒާރުން ފޮތް ލިބޭނެ ދުވަހެއް ބިންމާ ނުބުނެ އެވެ. އޭނާ ބުނީ އެ ތިން ވާހަކަ ވެސް މިހާރު ޗާޕަށް ފޮނުވާފައިވާ ކަމަށެވެ.
ފައިސާ އާއި ތަނަވަސް ކަމަށްޓަކައި އޭނާ ބަލައި ބޮޑު ކުރި މައިިންބަފައިންނާއި އަނބިމީހާގެ އިތުރުން ލޯބިވެރިޔާ އަށް ވެސް އޮޅުވާލައިގެން މުއްސަނދިކަން ހޯދަން އުޅޭ ދަހިވެތި ފިރިހެނެއްގެ ވާހަކަ ކިޔައިދޭ "ހިންތާއަކީ" މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިދިޔަ އެޕްރީލް މަހުގެ 14 ވަނަ ދުވަހާ ހަމައަށް "ހަވީރު" ގައި ޝާއިއު ކުރި ވާހަކައެކެވެ.
މި ވާހަކަ އަށް ކިޔުންތެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ވާހަކަައިގެ ދެވަނަ ބައެއް އަންނަ އަހަރު ގެނެސް ދޭން ވެސް ބިންމާ ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން "އިޝްގް" އަކީ ފިރިއެއްގެ ފަރާތުން ލޯބި ނުލިބޭ ކަމުގެ އުދާސްތަކާ އެކު އަންހެނަކު އެހެން ފިރިހެނަކާ އެކު ބާއްވަމުން ދާ ސިއްރު ގުޅުންތަކެއް ގެނެސް ދީފައިވާ ވާހަކައެެކެވެ. މި ވާހަކަ "ހަވީރު" ގައި ގެނެސް ދިނީ 2011 ވަނަ އަހަރު އެވެ.
އަދި ބިރުވެރި ހާދިސާއެއްގެ މައްޗަށް ގެނެސް ދީފައިވާ "ވަހުމް" އަކީ ވެސް 2011 ވަނަ އަހަރު ބިންމާ ގެެނެސް ދިން ވާހަކައެެކެވެ.
މީގެ ކުރިން ވެސް ބިންމާގެ ގިނަ އަދަދެެއްގެ ކުރު ވާހަކަ ކަލެކްޝަންތަކާއި ބައެއް ދިގު ވާހަކަތަކާއި ކުޑަ ކުދިންގެ ވާހަކަތައް ބާޒާރަށް ނެރެފައިވެ އެވެ.