Last Updated: November 25, 16:15
Monday, November 25, 2024
ރިޕޯޓް

މޫސުމީ ހަޅުތާލުގައި ކުރީ ސަފުގައި ތިބެންވީ ދަރިވަރުން!

ހުކުރު ދުވަހު މުޅި ދުނިޔޭގައި ބާއްވަން އުޅޭ މޫސުމީ ހަޅުތާލު، ނުވަތަ "ކްލައިމެޓް ސްޓްރައިކް" ގައި ދިވެހި ރާއްޖެއިން ވެސް ބައިވެރިވާން ނިންމާފައިވާއިރު، މިހަޅުތާލުގެ ކުރީ ސަފަށް ނިކުންނަން ވަނީ ދިވެހި ކިޔަވާ ކުދިންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހަޅުތާލު ބާއްވަން ނިންމާފައިވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ގައުމުތަކުގެ ވެރިންގެ ފަރާތުން ދުނިޔެ ސަލާމަތްކުރުމަށް އެޅޭ ފިޔަވަޅުތަކަކީ ބޭނުން ހާސިލުވެވޭ ފިޔަވަޅުތަކަށް ހެދުމަށް ބާރު އެޅުމެވެ. ކުޑަ ކުދިންނާއި ފުރާވަރުގެ ކުދިން މިކަމުގައި އިސް ނަގަން ޖެހެނީ، މީގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ ބަޔަކީ އެމީހުން ކަމަށްވާތީއެވެ.

ދިވެހި ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑު މިންވަރަކަށް ކުރާނެ އެއް ގައުމެވެ. މިހާރު ދުނިޔެ ހޫނުވާ މިންވަރަށް ހޫނުވަމުންދާނަމަ ކަނޑުގެ ލޮނުގަނޑު އުފުލި ބައި ގަރުނު ތެރޭ ރާއްޖެ އަޑިއަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ވަނީ މީގެ ދިހަ ފަނަރަ އަހަރު ކުރިންވެސް އިންޒާރު ދީފައެވެ.

ނަމަވެސް އެހާލަތުން އަރައިގަތުމަށް ދިވެހި ސަރުކާރުތަކުން ކުރެވިފައިވާ މަސައްކަތްތައް އިނގިލިން ގުނާލެވޭހާ ވެސް މަދެވެ. އެހެންކަމުން މިއަދުގެ ކުޑަކުދިންނަކީ މިހާލަތު ދަސްވެ ފަރިތަވެފައިވާ ބަޔަކަށް ޅައިރު ހެދުމަކީ ބޮޑެތި މީހުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.

މާދަމާ ބޮޑެތި ނިންމުންތައް ނިންމަން ތިބި ކުދިންނަކީ ކުޑައިރު މޫސުމީ ބަދަލުތަކަށް ހޭލުންތެރިވެ، އެކަމުން އަރައިގަތުމަށް ރަނގަޅު ތަމްރީނެއް ލިބިފައިވާ ބަޔަކަށް ހެދުމަކީ އެކުދިންގެ މުސްތަގުބަލު ސަލާމަތް ކުރުމަށް މިއަދުގެ ޖީލަށް އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅެވެ.

އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީން ހުކުރު ދުވަހު ބާއްވާ މޫސުމީ ހަޅުތާލުގައި ދަރިވަރުން ބައިވެރިކޮށް، އިސް ސަފަށް ނެރެ ފުރަތަމަ ފިޔަވަޅު ނެގުމަކީ ރައީސުލް ޖުމުހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ތިމާވެށި ހިމާޔަތް ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ކުރެވޭނެ ކަމެއްގެ ގޮތުގައި ވެގެންދާނެއެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ނާޒުކު މައްސަލަ ސްކޫލް ދައުރުގައި ވެސް ކުދިންނަށް ރަނގަޅަށް އޮޅުންފިލުވައިދީ، އެކަމުގައި ކުރެވެން އޮތް ކަންތައްތަކާއި ނުކުރަންވީ ކަންތަތައް ކުދިންނަށް ބުނެދިނުމަކީ ސަރުކާރުން ކުރަން ޖެހޭ މުހިންމު ކަމެކެވެ.