ޕީޕީއެމަށް ރާއްޖޭގެ ވެރިކަން ދެން ލިބިއްޖެނަމަ އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއް ދާއިރާއަކީ މަސްވެރިކަމުގެ ދާއިރާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މ. އަތޮޅަށް ފައްޓަވާފައިވާ ކެމްޕޭނު ދަތުރުގައި މިއަދު ދިއްގަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޮންމެ ސަރުކާރަކަށް ވެސް ހުރިހާ ކަމެއް ފުރިހަމަ ނުކުރެވޭނެ ކަމަށާއި ބައެއް ކަންތައްތައް ފެށުނު ނަމަވެސް ނުނިމިވެސް ހުރެދާނެ ކަމަށެވެ.
ޕީޕީއެމްގެ ވެރިކަމެއްގައި، ކޮންމެ ބޭފުޅަކު ރައީސް ކަމަށް ވަޑައިގެންނެވި ނަމަވެސް އެންމެ ބޮޑު އިސްކަމެއްދީ، ތަރައްގީ ކުރަން މަސައްކަތް ކުރާނެ އެއް ދާއިރާއަކީ މަސްވެރިކަމުގެ ދާއިރާ ކަމަށް ޔާމީން ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ވަށައިގެން މިއޮތް ކަނޑުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ލިބިފައިވާ މިވާ ރިޒުގުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފުމަށް މަސްވެރިކަން، ފަތުރުވެރިކަމުގެ ދާއިރާއާ އެއް ހަމައަށް ތަރައްގީ ކުރައްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.
އަދި ދެވަނަ ކަމަކަށް އިސްކަން ދޭނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރު ކުރުން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. މިއީ އެއްވެސް ބަޔަކު ޝައްކު ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.