މާލެއަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަންނަން ފަށައިފިއެވެ.
މާލޭގެ ބޮޑެތި މަގުތަކުގައި ފެންބޮޑުވެ ކަކުލާއި ހަމަޔަށް ފެންގަނޑު ވަނީ އަރާފައެވެ. ފެން ބޮޑުވުމާއިގުޅޭ ގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ފެން ހިއްކުމަށް މާލޭގެ އެކި ސަރަހައްދު ތަކުގައި 3 ޕަމްޕު ބޭނުން ކުރަމުންދާ ކަމަށެވެ. އަދި 31 ވެލި ބަސްތާ މިހާތަނަށް ފެން ވަނަނުދިނުމަށް ގެތަކުގެ ދޮރުމަތީގައި ޖެހިފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
މާލެއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެފައިވާއިރު ޅ ހިންނަވަރަށް ވެސް ބޯކޮށް ވާރޭ ވެހި ވަނީ ފެން ބޮޑުވެފައެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު 08:30އިން ފެށިގެން 15:30ށް ހއ. އަތޮޅުން ފެށިގެން ނ.އަތޮޅަށް އަދި މ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައެވެ.
ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.