މާލޭގައި މިއަދު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެފައިވާ އިރު ފެނުގެ އަސަރުކޮށްފާނެ ފަދަތަކެތި ފެނުގެ އަސަރު ނުކުރާނެ ފަދަ އުސްތަނަކަށް ބަދަލު ކުރެއްވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން އިލްތިމާސް ކުރައްވައިފިއެވެ.
ފެންބޮޑު ވުމާއިގުޅިގެން ކަންތައް ކުރަންޖެހޭ ގޮތްތައް އާންމުންނާއި ހިއްސާ ކުރުމަށް އެ އޮތޯރިޓީއިން ޓްވީޓާގައި ބުނެފައިވަނީ މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަންނަކަމުގެ ރިޕޯޓުތައް ދަނީ ލިބެމުން ކަމަށެވެ. ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ގެތަކުގެ ފަރާތްތަކުން ފެނުގެ އަސަރު ކުރުމުގެ ކުރިން ގެއަށް ފެންނުވަންނާނެ ގޮތަށް ވެލިބަސްތާ ފަދަ އެއްޗެހި ބޭނުން ކުރެއްވުމަށް ވެސް ބުނެފައިވެއެވެ.
އަދި މީގެ އިތުރުން މެދުރާއްޖެތެރެއަށް މިވަގުތުވަނީ ޔެލޯ އެލާޓް ނެރެފައި ކަމަށާއި އަތޮޅުތެރޭ އާއި މާލޭގެ ރައްޔިތުން ފެންބޮޑުވުމުގެ ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުއްވުމަށް ވެސް އެ އޮތޯރިޓީއިން ވަނީ އެދިވަޑައިގެންފައެވެ.
ފެން ހިއްކުމަށް މާލޭގެ އެކި ސަރަހައްދު ތަކުގައި 3 ޕަމްޕު ބޭނުން ކުރަމުންދާ ކަމަށާއި އަދި 31 ވެލި ބަސްތާ މިހާތަނަށް ފެން ވަނަނުދިނުމަށް ގެތަކުގެ ދޮރުމަތީގައި ޖެހިފައިވާ ކަމަށް ވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.