އިންޑިއާ ކަނޑުގައި އުތުރާއި ދެކުނަށް ދެމިގެންވާ ޖަޒީރާ ރަށްތަކުގެ މައްޗަށް އެކުލެވޭ ދިވެހި ރާއްޖެއަކީ އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ފަސްގަނޑެވެ.
ނަމަވެސް ހިތާމައަކީ މި ރީތި ފަސްގަނޑު ދެކެ ވެސް ލޯބި ނުވާ ބަޔަކު އުޅޭކަމެވެ. އެ ބައެއްގެ ސަބަބުން އަޅުގަނޑުމެންގެ ޖީލު ހަލާކުގެ ތެރެއަށް ވެއްޓެމުންދާ ކަމެވެ.
ފައިސާގެ ބޭނުމުގައި ޒުވާން ޖީލު މަސްތުގެ ހާލަށް ދޫލޮށްލަނީ އެވެ. މި ގައުމުގެ ޒުވާން ޖީލް ހަލާކުވަމުން ދަނީ މަސްތުވާތަކެތީގެ ސަބަބުން ކަމުގައި މި ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރު ވެސް ބުނަމުން ގެންދާކަމީ އެންމެން ވެސް އެއްބަސްވާ ހަޤީޤަތެކެވެ.
މަސްތުވާތަކެތީގެ ވަބާ ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ވެސް ދަނީ ފެންނަމުންނެވެ. މާރާމާރީ އާއި ބަދުއަޙްލާޤީ އަމަލުތަކާއި ވައްކަމާއި ފޭރުމާއި މިހެން ގޮސް ނުބައި ހުރިހާ އަމަލެއް މި ރާއްޖޭގައި މި ވަނީ އާއްމުވެފަ އެވެ.
މައިގަނޑު ސަބަބެއް ކަމުގައި އެންމެން ވެސް އެއްބަސްވާ ކަމަކީ މަސްތުވާތަކެއްޗެވެ. މިފަދަ ނުބައި އަމަލުތަކަށް ދޮރު ހުޅުވެނީ މަސްތުވެފައި ތިބޭ ހާލުގަ އެވެ.
އަމަލީ ގޮތުން މަސްތުވާތަކެތި ނައްތާލުމާއި އެ ވަބާގައި ޖެހިފައިވާ ކުދިން އަނބުރާ ސިއްހަތު ސަލާމަތް ބަޔެއްގެ ގޮތުގައި ގެނައުމަށް އެންމެން ގުޅިގެން މި ވަނީ މަސައްކަތް ކުރަން ޖެހިފަ އެވެ.
މަސްތުވާތަކެއްޗަކީ އެހާމެ ނުރައްކާތެރި އެއްޗެއްކަން ނުވިސްނޭ ހަމަ އެކަކު ވެސް މި ގައުމުގައި މިހާރު ތިބިހެން ހިއެއް ނުވެ އެވެ. މި ތަކެތި އެތެރެކޮށް ވިއްކާ މީހުން ހޯދުމުގެ ކުޅަދާނަކަށް ލިބިފައިވާ މުއައްސަސާއެއް ނެތެވެ.
މި ތަކެތި އެތެރެކޮށް އޭގެ ހަގީގީ ފައިދާ ހޯދުމަށް ވިއްކާ އެއްވެސް މީހަކު ނުހޯދެ އެވެ. އެ މީހުން އެތަކެތި ވިއްކަނީ މި ތަކެތި ބޭނުން ކުރާ މީހުން މެދުވެރިކޮށް ކަމަށްވާތީ ވިއްކާ ބައެއްގެ ގޮތުގައި ވެސް އަތުލެވެނީ މިތަކެތި ބޭނުން ކުރަމުންދާ މި ތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނެވެ.
ކޮންމެ މީހެއްގެ ވެސް ޒިއްމާއެއް ކަމުގައި މިކަން ދެކިގެން މި ވަބާއިން ސަލާމަތްކުރުމަށް ތިމާގެ ދަރިފުޅު އެ ތަކެތި ބޭނުން ކުރި ނަމަވެސް، ނޫނީ އެފަދަ ކަމެއް ކުރާކަމަށް ޝައްކުވި ނަމަވެސް، އެކަން ކަމާ ބެހޭ ފަރާތަށް އަންގާ އެ ކުއްޖާ އަނބުރާ މުޖުތަމައު އަށް ގެންނަން މަސައްކަތް ކުރުމަކީ މި ވަބާއިން ގައުމު ސަލާމަތް ކުރުމަށް ކުރަން ޖެހޭ ވަރަށް މުހިއްމު ކަމެކެވެ.
އަދި ތިމާގެ ދަރިފުޅާ އެކު އުޅޭ ކުދިންނަކީ ކޮބައިތޯ ބަލައި އެފަދަ ކުދިންގެ ކިބައިން ތިމާގެ ދަރިފުޅު ސަލާމަތް ކުރުމާއި އެކު ތިމާގެ ދަރިފުޅު ގެންގުޅޭ އެއްޗެހި ވެސް ބަލާ ފާސް ކުރުމުން ނޫނީ މި ވަބާއިން އަޅުގަނޑުމެން ސަލާމަތް ވާން ވަރަށް އުނދަގޫ ވާނެ އެވެ.
މިއީ ޤައުމީ ފެންވަރުގައި ވެސް އެންމެ އެކަތިގަނޑަކަށް ވެގެން ވެސް ނައްތާލަން ޖެހިފައިވާ ބޮޑު ބައްޔެކެވެ.