Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

މި ވަގުތު ރައީސް ގައުމުން ބޭރަށް ވަޑައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އާދަމް ޝަރީފު

މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިގެން އުޅޭއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއިން ބޭރަށް ވަޑައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީން މިރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި އާދަމް ޝަރީފު ވިދާޅުވީ މި ފަދަ ވަގުތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމު ދޫކޮށް ވަޑައިގަތުން ކުށްވެރިކުރާ ކަމަށާއި އެކަން ބަލައި ނުގަނެވޭކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ މިއަދު އެމަނިކުފާނު ފުރާ ވަޑައިގަންނަވައިފި ކަމަށް. މިއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މިއީ އަޅުގަނޑުމެން ދެކޭ ގޮތުގައި މިފަދަ ކަމެއްގައި ސަރުކާރުން ދޭންވީ އެންމެ މުހިންމު ސަމާލުކަން ނުދޭކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭކަން. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރި ކުރާކަމެއް، މި ވަގުތު ރައީސް ފުރާވަޑައިގަތުން"

އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ ރައީސް މިވަގުތު ކުރައްވަން ޖެހޭ ކަމަކީ އދ. އަށް ވަޑައިގެން ތަގުރީރު ކުރެއްވުން ނޫންކަމަށާއި، މިވަގުތަކީ އަލިފާންގެ ހާދިސާ އާއި ގުޅިގެން އަޅުއްވަން ޖެހޭ އަވަސް ފިޔަވަޅު އަޅުއްވަން ޖެހޭ ވަގުތު ކަމަށެވެ. އަދި މިކަން ހިނގައި ދިޔަ ގޮތް ތަހްގީގުކޮށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް އާދަމް ޝަރީފު ވަނީ ގޮވާލާފައެވެ.

މާލޭގައި އިއްޔެ އިރާކޮޅު ހިނގި އަލިފާނުގެ ހާދިސާ އަކީ މިހާތަނަށް މާލޭގައި ހިނގާފައިވާ އެންމެ ނުރައްކާތެރި ބިރުވެރި ހާދިސާއެވެ. މި ހާދިސާގައި އެކަކު ނިޔާވެފައިވާ އިރު 7 އިމާރާތެއްވަނީ އަނދައި ހުލިވެފައެވެ.

ރޭގެ ހާދިސާ ހިނގި ތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވަޑައިގެން އެެ ސަރަހައްދު ބައްލަވާ ލައްވާފައެވެ. އަދި ހާލުގައި ޖެހުނު ފަރާތްތަކަށް ޒިޔާރަތްކޮށް އެފަރާތްތަކަށް އެހީތެރިވަމުންދާ ގޮތް ބައްލަވާ ލައްވާފައެވެ.

މީގެ އިތުރުން ރައީސް ސޯލިހު ރޭ ވަރަށް ދަންވީފަހުން ވަނީ ކެބިނެޓު ބައްދަލުވުމެއް މުލިއާގޭގައި ބާއްވާފައެވެ. އެ ބައްދުލުވުމުގައި މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ކެމިކަލް ގުދަން ނުކުރެވޭ ގޮތަށް ހެދުމަށް ވަނީ ނިންމަވާފައެވެ. އަދި ގެއްލުންވީ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެެވެ.