ސްޕެނިޝް ލީގު ޗެމްޕިއަން ބާސެލޯނާއަށް މިފަހަރު ލީގަށް އަލަށް ޕްރޮމޯޓުވި ގްރަނާޑާ އަތުން ބަލިވެ ހިތްދަތިކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ.
މެސީއާއި ޒުވާން ފޯވާޑް އަންސޫ ފާޓީ ބެންޗުން ފެށި މިމެޗުގެ ދެވަނަ މިނެޓުގައި ވަލްވާޑޭގެ ޓީމު ކޮޅަށް ވަނީ ގޯލެއް ވަދެފައެވެ. 0-1 އިން ބާސާ ބަލިވެ ފުރަތަމަ ހާފު ނިންމާލަން ޖެހުނުއިރު ދެވަނަ ހާފު ފެށީ މެސީގެ ބައިވެރިވުމާ އެކުގައެވެ.
ނަމަވެސް ތާވަލުގެ އެއްވަނައިގައި މިހާރު އޮތް ގްރަނާޑާ ވަނީ ބާސާއަށް ލަނޑެއް ކާމިޔާބު ކުރެވުނަ ނުދީ ހިފަހައްޓާފައެވެ. މެޗުގެ 66 ވަނަ މިނެޓުގައި އަޓޫރޯ ވިޑާލް ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކުން ގްރަނާޑާއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން އެޓީމު ވަނީ ދެގޯލުގެ ލީޑެއް ނަގާފައެވެ.
ލަނޑެއް ނުޖެހި މެޗު ނިންމާލަން ޖެހުނު ބާސާ ލީގުގެ 7 ވަނައިގައި އޮތްއިރު ގްރަނާޑާ އެއްވަނައަށް ޖެހިލީ ރޭ އެތްލެޓިކޯ މެޑްރިޑް އެއްވަނައަށް ދާން ލިބުނު ފުރުސަތު ސެލްޓަ ވީގޯއާ ކުޅެ ލަނޑެއް ނުޖެހި އެއްވަރުވުމުން ބޭކާރުކޮށްލުމުންނެވެ. ނަމަވެސް ސެވީއާ އަދި ރެއާލް ކުޅޭ މެޗުން ސެވީއާއަށް ޕޮއިންޓެއް ލިބުނަސް އަލުން ތާވަލުގެ އެއްވަނައަށް ދާނީ ސެވީއާއެވެ. ތިން ޓީމަށް ވެސް މިހާރު ލިބިފައިވަނީ 10 ޕޮއިންޓެވެ.