Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އެޗްއާރުއެޗްގެ މުވައްޒަފުންނާއި ބަލި މީހުންނަށް ވަގުންގެ ނުރައްކާ ބޮޑުވެއްޖެ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންނާއި އެތަނުގައި އެޑްމިޓްކޮށްފައި ތިބޭ ބަލި މީހުންނަށް ވަގުންނާއި، ފޭރޭ މީހުންގެ ނުރައްކާ އަނެއްކާވެސް އިންތިހާ ދަރަޖައަށް ބޮޑުވެއްޖެއެވެ.

ހޮސްޕިޓަލްގެ މުވައްޒަފުންނާއި ބަލި މީހުންނަށް ފޭރޭ މީހުންގެ ނުރައްކާ ބޮޑުވެފައިވާ އިރު މިކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް ނޭޅޭތީ އާއްމުންނާއި ހޮސްޕިޓަލްގެ މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި އެ ސަރަހައްދަކީ ފޭރޭ މީހުންގެ ނުރައްކާ ބޮޑު ސަރަހައްދެއް ކަމަށެވެ. އަދި މިކަމަށް ހަރުދަނާ ފިޔަވަޅެއް ނޭޅި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މިއީ އިއްޔެއަކު މިއަދަކު ހިނގާ ކަމެއް ނޫން، މިއީ އަބަދުގެ ވެސް ހާލަތު، މިކަން އެެކި ފަހަރު މަތިން ހޮސްޕިޓަލްގެ މެނޭޖްމަންޓަށް އަދި ކަމާއި ބެހޭ ފަރާތްތަކަށްވެސް ހުށަހެޅިއްޖެ، އެއްވެސް ފިޔަވަޅެއް ނޭޅޭ" ހޮސްޕިޓަލްގައި ހުރި ބަލި މީހެއްގެ އެހީތެރިއަކު ބުންޏެވެ.

ވަގުންނާއި ފޭރޭ މީހުންގެ ނުރައްކާ ބޮޑުވެގެން މީގެ ކުރިންވެސް "އައްޑޫލައިވް"އިން ވަނީ ރިޕޯޓެެއް ގެނެސްދީފައެވެ. އެކަމާއި ގުޅިގެން އޭރު ގުޅުމުން ހޮސްޕިޓަލުން ބުނީ ޕޮލިހުން ބައިތިއްބައިގެން ހޮސްޕިޓަލްގެ ސެކިއުރިޓީ ބަލަހައްޓާނެކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ ފޭރޭ މީހުންގެ ނުރައްކާ ހޮސްޕިޓަލަށް ވަރަށް ބޮޑު ކަމަށާއި އެކަމާއި ގުޅިގެން ސީދާ މިއަދު ހެލްތު މިނިސްޓަރާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސާތު ވިދާޅުވީ ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ބިރު ދެއްކުމާއި، ޑޮކްޓަރުން ތިބޭ ގެތަކަށް ގެއްލުންދޭ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ޑޮކްޓަރުން ނުލިބުމުގެ ބިރު އޮތް ކަމަށެވެ.

"މި ގޮތަށް ޑޮކްޓަރުންނަށް އަމާޒުކޮށް ހަމަލާދޭނަމަ މިއީ ސީރިއަސް މައްސަލައެއް، މީގެ ސަބަބުން އައްޑޫއަށް ޑޮކްޓަރުން ނައުން އެކަށީގެންވޭ، މިއީ މުޖްތަމައުގެ ލެވެލްގައިވެސް ވިސްނަން ޖެހޭ ކަމެއް"

މީގެ ކުރިންވެސް ތަފާތު ފަހަރު މަތިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބޭ މީހުންނާއި އެމީހުންގެ އެހީތެރިންނަށް ހަމަލާދީ ވައްކަމުގެ ހާދިސާ ހިނގާފައިވެއެވެ. އަދި އިމަޖެންސީ ރޫމުގައި ތިބޭ ނަރުހުންނާއި ޑޮކްޓަރުންނަށް ހަމަލާދީ މާރާމާރީ ހިންގާފައިވެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ސެކިއުރިޓީ ބަލަހައްޓަނީ އެތަނުގައި ތިބޭ ސެކިއުރިޓީންނެވެ. ނަމަވެސް މި ސެކިއުރިޓީންނަށް ތަން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓެއެވެ. އަދި މިކަމަކީ ހޮސްޕިޓަލްގެ މެނޭޖްމަންޓަަށް ހަރުދަނާ ކުރެވިދާނެކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

އާބާދީ ބޮޑު އައްޑޫގައި ކުށް ކުރުން އިތުރުވަމުން އަންނަ އިރު އެކަމުގެ ނުރައްކާ އެންމެ ބޮޑު އެއްތަނަކީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލެވެ. މިއީ އާދައިގެ ކަމެއް ކަމަށް ދެކިގެން ތިބުމަށްވުރެ ނުރައްކާތެރި ކަމެކެވެ.