ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މައްސަލަ ހުށައެޅުއްވީ ރޮމުން ކަމަށް ވިދާޅުވެއްޖެއެވެ.
ޖާބިރު ވިދާޅުވީ ރޯން ޖެހުނީ ބޮޑު އާބާދީއެއް އޮންނަ މާލޭގައި މިފަދަ ހިތާމަވެރި ހާދިސާއަކަށް ތައްޔާރުވެވިފައި ނެތުމުން ކަމަށެވެ. މިހާދިސާގައި 46 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެގެން ގޮސްފައިވާއިރު 6 ގެއަކާއި 4 ގުދަނެއް ވަނީ އަނދާ ހުލިވެފައެވެ.
ޖާބިރު ވިދާޅުވީ މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގިތާ 24 ގަޑިއިރު ތެރޭ ދެވަނަ ހާދިސާއެއް ހިނގުމުން އެއީ ވަގުތުން މިކަން ހައްލުކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. ރޭގައިވެސް އަލިފާނުގެ ހާދިސާއެއް ގެއެއްގެ ބަދިގޭގައި ހިނގާފައިވާއިރު އެހާދިސާގައި މީހަކަށް ނުވަތަ ތަކެއްތަކަށް ވެސް މާބޮޑު ގެއްލުމެއް ނުވެއެވެ.
ހ. އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ފުރަތަމަ ރޯވި ގުދަނުގައި އަދިވެސް ހޫނުކަން ހުރުމުން ދުން ކޮންމެވެސް ވަރަކަށް އަރަމުން އައި ނަމަވެސް އެ ސަރަހައްދު މިހާރު އޮތީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައެވެ. އެމްއެންޑިއެފް ފަޔާ އެންޑް ރެސްކިއުއާއި ވެލާނާ އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު އަދި ފުލުހުންނާއި އާންމުންގެ ބުރަ މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ހުކުރު ދުވަހުގެރޭ ދަންވަރުއެވެ. އެރޭ މާލެއަށް ވަރަށް ބޯކޮށް ވިއްސާރަވެ ވާރޭވެސް ވެހުނު އިރު އަދިވެސް އެއިމާރާތް އެއްކޮށް ނުނިވޭތީ އާންމުން ތިބީ ކަންބޮޑުވެފައެވެ.