މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ތިލަފުށީގޭގެ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ ސަރަހައްދުން އިތުރު މީހެއްގެ ހަށިގަނޑު އޮތް ޗެކު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ސްޕްރިޑެންޓް އޮފް ޕޯލިސް އިސްމާއިލް ނަވީން ވިދާޅުވީ ހާދިސާ ހިނގި ސަރަހައްދު ފުލުހުން ސާފު ކުރަމުން އަންނަ އިރު އެސަރަހައްދުން އިތުރު މީހެއްގެ ހަށިގަނޑު ފެނޭތޯ ބަލަމުން އަންނަ ކަމަށެވެ.
ނަވީން ވިދާޅުވީ އެގޮތަށް ބަލަނީ ވަކި ރިޕޯޓެއް ލިބިގެން ނޫން ކަމަށެވެ. ނަމަވެސް އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން އަންނަ ސަރަހައްދަކަށްވުމާއި އެކު ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީއެއް ގެއްލުނަސް ރިޕޯޓު ނުކޮށް އޮވެދާނެ ކަމަށް ބަލައިގެން ކަމަށެެވެ.
ނަވީން ވިދާޅުވީ މިއީ މިފަދަ ހާދިސާތަކުގައި އަމަލުކުރަން އޮންނަ ސްޓޭންޑަރޑް ޕްރޮސީޖަރގެ ދަށުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
ތިލަފުށީގޭގެ ގުދަނުގައި ހިނގި އަލިފާންގެ ހާދިސާ އަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. މި ހާދިސާގައި އެކަކު މަރުވެ ހަ އިމާރާތާއި ހަތަރު ގުދަން ވަނީ އަނދައިގެން ގޮސްފައެވެ. އަދި 400 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.
ހާދިސާ ހިނގި ސަރަހައްދު ސިފައިންނާއި ފުލުހުން ސާފު ކުރަމުން އަންނަ އިރު އަދިވެސް މި ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.