ދައުލަތުގެ ދަރަނި މީގެ ކުރިން ނުދާ މިންވަރަށް މިއަހަރު ބޮޑު ވެއްޖެއެވެ. މާލީ ތަފާސް ހިސާބު ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު 50.9 ބިލިއަން ރުފިޔާއަށް ދަރަނި ވަނީ އަރާފައެވެ.
އެތެރޭގެ ދަރަންޏަށް އެކަނިވެސް 29.7 ބިލިއަން ރުފިޔާ އަރާފައިވާއިރު ބޭރުގެ ދަރަނި ހުރީ 21.3 ބިލިއަން ރުފިޔާގައެވެ. ދަރަނި ބޮޑުވެފައިވަނީ ޓީބިލާއި ބޮންޑު ވިއްކައިގެންނެވެ. ބޭރުގެ ދަރަނި އިތުރުވީ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ލޯނު ނަގައިގެންނެވެ.
ފާއިތުވެދިޔަ ހަމަސް ދުވަހު ތެރޭ ބޭރުގެ ލޯނުގެ މިންވަރު ވަނީ 733.5 މިލިއަނަށް އަރާފައެވެ. މީގެ އިތުރުން ދައުލަތަށް ފައިސާ ހޯދުމަށް ކޮމާޝަލް ބެންކުތަކަށް 1.1 ބިލިއަން ރުފިޔާގެ ބޮންޑު ވަނީ ވިއްކާފައެވެ.
ކުރީ ސަރުކާރުގައި ހިންގި މަޝްރޫއުތަކުގެ ސަބަބުން ރާއްޖެ ވަނީ ޗައިނާ ސަރުކާރަށް ވަރަށް ބޮޑަށް ދަރާފައެވެ. ސިނަމާލެ ބްރިޖު ތަރައްގީ ކުރުމަށް ވެސް ޗައިނާއިން ބޮޑެތި ލޯނު ނަގާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ލޯނުތައް ކުޑަ ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މިހާތަނަށް އެމަނިކުފާނު ކުރެއްވި މަސައްކަތް ނާކާމިޔާބުވެ ޗައިނާއާއި ނަޝީދާ ދެމެދު ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ.
ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މިސަރުކާރުން ވެސް ވަނީ އިންޑިޔާގެ އެކްޒިމް ބޭންކާއި އިތުރު ބޭންކުތަކުން ލޯނު ނެގުމަށް ނިންމާފައެވެ.