ކުރީގެ ރައީސް މައުމޫން ނެންގެވި ކަމަށް ބުނާ ފައިސާ ހޯދުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފުލުހަށް ހުށައެޅުއްވި މައްސަލައިގައި ބަޔާން ދިނުމަށް ހާޒިރުކުރުމުން، ބަޔާން ނުދީ ވަޑައިގެންނެވީ ދޮގު ބަޔާނެއް ދެއްވުމަށް ނުކެރުމުން ކަމަށް ބުނެ މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރުއެމް) އިން ޖާބިރަށް ރައްދު ދީފިއެވެ.
ރައީސް މައުމޫންގެ ޕާޓީ އެމްއާރްއެމްގެ ތަރުޖަމާނު، އަބްލް އަލީމް ކުރި ޓުވީޓެއްގައި ޖާބިރު ފުލުސް އޮފީހުން ވަޑައިގަތީ މައުމޫން ހާޒިރުނުކުރުމުން ނޫން ކަމަށާއި، ދޮގު ބަޔާން ދެއްވަން އެމަނިކުފާނަށް ނުކެރިގެން ކަމަށް ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް މައުމޫން، ދަރިކަލުން ފާރިސް މައުމޫން މެދުވެރި ކުރައްވައި ފަހުން ދައްކާ ގޮތަށް 29 މިލިއަން ރުފިޔާ ނެންގެވުމަށް ފަހު އެ ފައިސާ ނުދައްކައިގެން ޖާބިރު ވަނީ އެމައްސަލަ ފުލުހަށް ހުށައަޅާފައެވެ.
ނަމަވެސް ހެކި ނެތި ހުށައެޅުމުން ފުލުހުން މައްސަލަ ބޭރުކުރުމުން ދެވަނަ ފަހަރަށް ހެއްކާއެކު މައްސަލަ ހުށައެޅިއެވެ. ބަޔާން ނެގުމަށް ރޭ ޖާބިރު ފުލުސް އޮފީހަށް ހާޒިރުކުރުމުން އެމަނިކުފާނު ވަނީ، މައުމޫން ހާޒިރުނުކޮށް އެކަނި ހާޒިރުކުރުމުން ބަޔާން ދޭން ދެކޮޅު ހަދައި ފުލުސް އޮފީހުން ނިކުމެވަޑައިގެންފައެވެ.
ޖާބިރު އަތުން ފައިސާ އެއް ނެގި ކަމަށް މައުމޫން ދެކޮޅު ހައްދަވާއިރު ޖާބިރު ވަނީ ކޮންޓްރެކްޓެއްގައި ސޮއިވެސް ކުރި ކަމަށާއި ފައިސާ ނެގީ އިންޓްރެސްޓުވެސް އަރާ ގޮތަށް ކަމަށް ބުނެ ބަހުގައި ހިފާފައެވެ.