ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ހިންގި ޕްރޮޖެކްޓަކަށް ދައްކަން ޖެހޭ ފައިސާ، ސަރުކާރު ބަދަލުވުމުން ދިވެހި ސަރުކާރުން ދައްކާފައިނުވާ ކަމަށް ބުނެ މެލޭޝިޔާގެ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި ދައުވާ ކުރަން ނިންމައިފިއެވެ.
މެލޭޝިޔާގެ ޑަބްލިއު ޒީ އާރް ޕްރޮޕަޓީ އެސްޑީއެން ބީއެޗްޑީ ގްރޫޕްގެ ޗެއާމަން، މެލޭ މެއިލް ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކުރީ ސަރުކާރުން އެކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުން ދައްކަން ޖެހޭ 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ހޯދަން މައްސަލަ ހުށައަޅަން ތައްޔާރުވަމުންދާ ކަމަށެވެ.
ކުރީ ސަރުކާރުގައި 25 ބުރީގެ އިމާރާތެއް އެޅުމަށް 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު އިންޓަނޭޝަނަލް ބިޑަށް ހުޅުވާލުމުން WZR ގެ އިތުރުން ބޭރުގެ ހަ ކުންފުންޏަކުން ބިޑުގައި ބައިވެރިވިއެވެ. ނަމަވެސް 123 މިލިއަން ޑޮލަރުގެ ބިޑު ކާމިޔާބު ކުރީ މެލޭޝިޔާގެ WZR ކުންފުނިންނެވެ.
އެކުންފުނިން ބުނެފައިވަނީ މިހާތަނަށް ޕްރޮޖެކްޓުގެ 20 އިންސައްތަ ނިމިފައިވާ ކަމަށާއި އިމާރާތުގެ 60 އިންސައްތަ ޑީޕް ފައުންޑޭޝަން ނިމިފައިވި ނަމަވެސް ސަރުކާރުން ދޭން ޖެހޭ ފައިސާގެ އެއްވެސް މިންވަރެއް ދީފައިނުވާ ކަމަށެވެ.
އާ ސަރުކާރާއެކު މިމައްސަލައިގެ މަޝްވަރާއަށް ވެސް ދެވުނު ކަމަށާއި ނަމަވެސް ސަރުކާރުން، ކުރީގެ ސަރުކާރުގެ ޕްރޮޖެކްޓަކަށް ވީތީ ފައިސާ ދައްކަން ބޭނުންނުވާ ކަން އެނގޭ ކަމަށް ކުންފުނީގެ ޗެއާމަން ސަޒްމީ މިއާ ބުނެފައިވެއެވެ. އޮންނަ އުސޫލުގެ މަތިން ދިވެހި ސަރުކާރާ މުއާމަލާތް ވެސް ކުރެވުނު ކަމަށާއި ނަމަވެސް ސަރުކާރުގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ސަޒްމީ ދެކޭ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަސައްކަތް ކުރަނީ ދައްކަން ޖެހޭ ފައިސާ ނުދައްކާ ވަގުތު އިތުރު ކުރުމަށެވެ. ދިވެހި ސަރުކާރުން މިމައްސަލާގައި އަމަލުކޮށްފައިވާ ގޮތާއި މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް އޭނާ ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ބައްދަލުކުރީވެސް ދެ ޑެޕިއުޓީ މިނިސްޓަރުންނާއި އެމްބެސެޑަރު ވިސާމް އަލީ އެކަނި ކަމަށެވެ.
ދިވެހި ސަރުކާރުން މިޕްރޮޖެކްޓް ކެންސަލް ކޮށްފިނަމަ މިހާރު ދައްކަން ޖެހޭ 29 މިލިއަން ޑޮލަރުގެ އިތުރުން 30 އާއި 40 މިލިއަން ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.