ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައި، ހުލާސާ ބަޔާން ހުށަހަޅާނެ ދުވަސް މިއަދު ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ ފަސް ވަނަ އަޑުއެހުމުގައި މިއަދު އޮތީ އެމަނިކުފާންގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމަށެވެ. އެމަނިކުފާން ދިފާއީ ހެއްކެއްްގެ ގޮތުގައި ހުށަހެޅުއްވީ ކުރީގެ އެމްއެެމްއޭގެ ގަވަރުނަރު އަޒީމާ އާދަމްއެވެ. ނަމަވެސް އަޒީމާ ވަނީ މި މައްސަލާގައި އެކަމަނާއަށް ދެވޭނެ ހެކިބަހެއް ނެތް ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓަށް ސިޓީއަކުން ހުށަހަޅާފައެވެ.
އަޒީމާ ވިދާޅުވީ އެކަމަނާ ވަޒީފާ އަދާ ކުރައްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގައި ކަމަށާއި އަދި އެހެންކަމުން ކޯޓަށް ހާޒިރުވެވަޑައިގަންނަވަން އުޒުރުވެރިވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ފައިސާގެ އަސްލު އޮޅުވާލާފައިވާކަމަށް ދައުލަތުން ބުނާއިރު، އެސްއޯއެފުން ޖަމާކުރި ފައިސާ ބަދަލުކޮށްފައިވަނީ އިސްލާމިކް ބޭންކުގައި އޮތް އެކައުންޓަކުން އެ ބޭންކުގައި އޮތް އެހެން އެކައުންޓަކަށް ކަމަށެވެ. އެހެންކަމުން އެއީ އެ ފައިސާގެ އަސްލު އޮޅުވާލަން ކުރި ކަމެއްކަމަށް ދައުލަތުން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ އާއި އެސްއޯއެފް އާދެމެދު ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކަކީ ހިޔާނާތުގެ މުއާމަލާތްތަކެއް ކަމެއް އަދި މިހާތަނަށް އެއްވެސް ގާނޫނީ އިދާރާއަކުން ތަހުގީގުކޮށްފައި ނުވާއިރު ވޮޑުމުއްލާ ކުއްޔަށްދީގެން ލިބުނު އެއް މިލިއަން ޑޮލަރަކީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމެއް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް އެމަނިކުފާނު މިއަދުގެ ޝަރީއަތުގައި ވަނީ ވިދާޅުވެފައެވެ.
"އެކްސްކްރޯ އެކައުންޓުގައި ފައިސާ ބަހައްޓަން އިސްނެގީ އަޅުގަނޑު. އެއީ ފަހަރެއްގައިވެސް އެއީ ދައުލަތުގެ ފައިސާއަށްވެދާނެތީ އަޅުގަނޑު ހެޔޮ ނިޔަތުގައި ކުރި ކަމެއް. މި ދައުވާ އުފުލިގެން އުޅޭތީ ހިތާމަކުރަން. ފުލުހުންގެ ބޭނުމަށް އެމްއެމްއޭއިން އެސްޓީއާރުތައް ނެރުނީ މާފަހުން. އެހެންވީމާ މިއީ ސަރުކާރުން ބޭނުންވެގެން ކޮށްގެން އުޅޭކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ، ރައީސް ޔާމީން ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖްލިސް ނިންމަވަމުން ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ހައިލަމް ވިދާޅުވީ މައްސަލާގައި ދެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިމިފައިވާތީ އެ މައްސަލާގައި ދެން އޮންނާނީ ދެ ފަރާތުން ވެސް ޚުލާސާ ބަޔާން ހުށަހަޅައި، އަޑުއެހުންތައް ނިންމާލުމެވެ.
ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އަންނަ އޮކްޓޫބަރު މަހުގެ 10 އެއްްވާ ބުރާސްފަތި ދުވަހު ބޭއްވުމަށް އިސް ގާޒީ ހައިލަމް އިއުލާން ކުރެއްވި އެވެ. އޭގެ ފަހުން އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، އޮންނާނީ ހުކުމް އިއްވުމެވެ.