Last Updated: November 28, 21:08
Thursday, November 28, 2024
ރިޕޯޓް

ރައީސް ޔާމީންގެ ޝަރީއަތް: އާސިފުގެ ޖޯކު އަމާޒުވަނީ ކާކަށް؟

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ މިއަދުގެ ޝަރީއަތުން އާކަމެއް މިވަނީ ފެނިގެން ގޮސްފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިވްކޮށް ޝަރީއަތުގެ މަޖިލީހެއް ދައްކަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައެވެ. މި މައްސަލަ ލައިވް ކުރަން ނިންމީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުންނެވެ. ބޭނުމަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިއުމެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ހަތަރު އަޑުއެހުމެއް ނިމިފައިވާ އިރު މިއަދު ބޭއްވުނީ އެންމެ ފަހުގެ އަޑުއެހުމެވެ. އެގޮތުން މިއަދުގެ އަޑުއެހުމަކީ ރައީސް ޔާމީންގެ ދިފާއީ ހެކި ހުށަހެޅުމަށް ބޭއްވުނު މަޖްލިސްއެެކެވެ. ނަމަވެސް އެެމަނިކުފާންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ކުރީގެ ގަވަރުނަރ އަޒީމާ އާދަމް ހެކިބަސް ދެއްވަން އުޒުރުވެރިވުމުން ކޯޓުން ވަނީ އަޒީމާގެ ހެކިބަސް ނުނަގަން ނިންމާފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިމެން އުޅެނިކޮށް ރައީސް ޔާމީންގެ ވަކީލް އާދަމް އާސިފް ބަޔާން އިއްވި ގޮތް ކަމުނުގޮސްގެން ގާޒީ ހައިލަމް ވަނީ އެކަން ހުއްޓުވާފައެވެ. އާސިފް ބަޔާން ކޯޓަށް އިއްވީ ހުޠުބާ ކިޔާ ރާގަށް އެފަދަ ގޮތަކަށެވެ. ކޮންމެވެސް ވަރަކަށް ހިނިތުންވެ ހުންނަވައިގެން އާސިފް ބަޔާން އިއްވަން ފެއްޓެވުމުން ގާޒީ ހައިލަމް ވަނީ އެކަން ހުއްޓުވާފައެވެ.

ހައިލަމް ވިދާޅުވީ އާސިފްގެ ރާގު ގެންގުޅުއްވާ ގޮތުން ޚުތުބާއެއް ވިދާޅުވަނީހެއް ވެސް ބައެއް ފަހަރު ހީވާކަމަށެވެ.

"ރާގު ވެސް ތިޔަ ގެންގުޅުއްވާ ގޮތާއި، ޚުތުބާއެއް ވިދާޅުވަނީހެއް ވެސް ބައެއް ފަހަރު ހީވާނެ. އެހެން ނޫނީ ޑްރާމާއެއް ކުޅުއްވާހެން ވެސް ހީވާނެ،" ގާޒީ ވިދާޅުވިއެވެ.

އަދި އާސިފް އަކީ އަލަށް ކޯޓަށް ވަޑައިގެންނެވި ބޭފުޅެއް ނޫންކަމަށާއި ޑްރާމާ ކުޅުއްވާހެން ހީވާ ކަމަށް ވިދާޅުވިއެވެ.

މިފަދަ ބޮޑު މައްސަލައެއްގައި ވަކީލް މިގޮތަށް ބަޔާން އިއްވުމުން އެކަން މިވަނީ އެކި މީހުން އެކި ގޮތަށް ނަގާފައެވެ. އެއްބަޔަކަށް އެއީ ޖޯކަކަށް ވިއަސް އެއީ ސީރިއަސް ކަމެއްގެ ގޮތުގައި ނަގާ ބަޔަކު އެބަތިއްބެވެ. ހާއްސަ ކޮށް ގާޒީ ހައިލަމް އެކަން ނެންގެވީ ސީރިއަސްކޮށެވެ.

ކޯޓަކީ ހުރުމަތްތެރިވެގެންވާ ތަނެއްކަމަށް ކޯޓު ތަކާއި ބެހޭ ގާނޫނުގައިވެއެވެ. އަދި އެއީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

ކޮންމެއަކަސް ޔާމީންގެ މައްސަލައިގެ އަޑުއެހުން ނިމުނު އިރު މި މައްސަލާގައި ރައީސް ޔާމީންގެ ވަކީލް ޖޯކު ޖެއްސެވީ ކާކަށްތޯ ސުވާލު އުފެއެެވެ. މައްސަލައިގެ ސީރިއަސް ކަމެއް ނެތީތޯ ނުވަތަ މި މައްސަލަ އަކީ ސިޔާސީ ދައުވާއެއް ކަމަށް ދައްކަން ކުރެެއްވި ކަމެއްތޯ ސުވާލު އުފެއެވެ. މިކަމަށް ބާރު ލިބެނީ މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ދައުވާ ސިޔާސީ ކުރެއްވުމުންނެވެ. ރައީސް ޔާމީން މިއަދު ވިދާޅުވީ މިޝަރީއަތަކީ ސަރުކާރުން ބޭނުންވެގެން އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

ޔާމީން ވިދާޅުވީ އިސްލާމިކް ބޭންކުގައި ފައިސާގެ އަސްލު އޮޅުވާލާފައިވާކަމަށް ދައުލަތުން ބުނާއިރު، އެސްއޯއެފުން ޖަމާކުރި ފައިސާ ބަދަލުކޮށްފައިވަނީ އިސްލާމިކް ބޭންކުގައި އޮތް އެކައުންޓަކުން އެ ބޭންކުގައި އޮތް އެހެން އެކައުންޓަކަށް ކަމަށެވެ. އެހެންކަމުން އެއީ އެ ފައިސާގެ އަސްލު އޮޅުވާލަން ކުރި ކަމެއްކަމަށް ދައުލަތުން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ އާއި އެސްއޯއެފް އާދެމެދު ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކަކީ ހިޔާނާތުގެ މުއާމަލާތްތަކެއް ކަމެއް އަދި މިހާތަނަށް އެއްވެސް ގާނޫނީ އިދާރާއަކުން ތަހުގީގުކޮށްފައި ނުވާއިރު ވޮޑުމުއްލާ ކުއްޔަށްދީގެން ލިބުނު އެއް މިލިއަން ޑޮލަރަކީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމެއް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް އެމަނިކުފާނު މިއަދުގެ ޝަރީއަތުގައި ވަނީ ވިދާޅުވެފައެވެ.

"އެކްސްކްރޯ އެކައުންޓުގައި ފައިސާ ބަހައްޓަން އިސްނެގީ އަޅުގަނޑު. އެއީ ފަހަރެއްގައިވެސް އެއީ ދައުލަތުގެ ފައިސާއަށްވެދާނެތީ އަޅުގަނޑު ހެޔޮ ނިޔަތުގައި ކުރި ކަމެއް. މި ދައުވާ އުފުލިގެން އުޅޭތީ ހިތާމަކުރަން. ފުލުހުންގެ ބޭނުމަށް އެމްއެމްއޭއިން އެސްޓީއާރުތައް ނެރުނީ މާފަހުން. އެހެންވީމާ މިއީ ސަރުކާރުން ބޭނުންވެގެން ކޮށްގެން އުޅޭކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ، ރައީސް ޔާމީން ވިދާޅުވިއެވެ.