ދުނިޔޭގެ އެންމެ ބޮޑު ނޭވަލް ހޮސްޕިޓަލް ޝިޕް "ޕީސް އާކް" ރާއްޖެ އަށް މިހާރު ކުރަމުންދާ ދަތުރުގައި، އެ ޝިޕްގެ ޑޮކްޓަރުންގެ ޓީމެއް އައްޑު އައިސް މާދަމާ ބަލި މީހުންނަށް ފަރުވާ ދޭނެ ކަމާއި ޝިޕް އައްޑު އަށް ނާންނާނެ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލް ހިންގެވުމާ ދާދި ފަހުން ހަވާލުވެ ވަޑައިގެންނެވި ހަދީޖާ ހަފުސާ ވިދާޅުވީ "ޕީސް އާކް" އައްޑު އަންނަ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ އަށް ޑޮކްޓަރުން ހިމެނޭ ޓީމެއް އައްޑު އަށް އައިސް މާދަމާ ހެނދުނު 9:00 އިން ފެށިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދޭނެ ކަމަަށް އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރަށް ދައްކަން ނަން ނޯޓް ކުރަން ހުޅުވާލުމުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިކަމަށް އެދެމުންދާ ކަމަށް ހަފުސާ ވިދާޅުވި އެވެ. އެކަމަކު ކޮންމެ ޑޮކްޓަރަކަށް ނޯޓް ކުރަން ފުރުސަތު ދިނީ 30 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ނަން ނޯޓް ކުރަން ގުޅާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެެގެން ދިއުމާ އެކު ކޮންމެ ޑޮކްޓަރަކަށް އިތުރު ފަސް މީހުން ނޯޓް ކުރި ކަމަށް ހަފުސާ ވިދާޅުވި އެވެ.
އެހެންވެ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބޭނީ ނަން ނޯޓް ކުރި ތަރުތީބަށް އިސްކަން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިޝަން ހާމަނީ 2013" ގެ ނަމުގައި އެމްއެންޑީއެފާ ގުޅިގެން "ޕީސް އާކް" އިން ކުރިއަށް ގެންދާ ހެލްތު ކޭމްޕްގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް ފަރުވާ ދީފައިވެ އެވެ.
އެގޮތުން މެޑިކަލް ޝިޕްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމްތަކުން އެމްއެންޑީއެފް މިލިޓަރީ ހޮސްޕިޓަލް ސެނަހިޔާ އާއި އައިޖީއެމްއެޗް ހޮސްޕިޓަލްގައި އަދި ޝިޕްގައި އެކި ބަލިތަކުގެ 256 މީހަކު ބަލާފައިވާ އިރު، ކ. ގުރައިދޫ އަދި ކުޅުދުއްފުށީގައި ވަނީ 180 މީހަކު ބަލައި ސިއްޙީ ފަރުވާގެ ޚިދުމަތް ފޯރުކޮށްދީފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މީގެ އިތުރުން، ޝިޕްގައި އިއްޔެ ވަނީ ފަސް ޕޭޝަންޓެއް އޮޕަރޭޝަން ވެސް ކޮށްފަ އެވެ.
"އާކް ޕީސް" މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް މާލެ ފިޔަވައި ރާއްޖޭގެ އަށް ސަރަޙައްދެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށް ދޭނެ އެވެ.