މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ލީޑަރުން ނަގާ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް މުޅި ދުނިޔޭގައި ކުރިއަށް ގެންދާ ހަޅުތާލު އައްޑޫ ސިޓީގެ ހިތަދޫގައި ވެސް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން މިހަފްތާގެ ކޮންމެ ދުވަހަކު ހަޅުތާލު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވާއިރު އައްޑޫގައި ހަޅުތާލު ޖައްސާފައިވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާ ކުރިމަތީގައެވެ.
މާލޭގައި ހަޅުތާލު ވެލާނާ ބިލްޑިންގައި ކުރިއަށް ގެންގޮސްފައިވާއިރު ޕްލާސްޓިކު މަދުކުރަން ބާރު އެޅުމަށް އިއްޔެ ކޮށްފައިވަނީ ދައުލަތުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީ ކުރިމަތީގައެވެ.
މީގެ އިތުރުން ކުޅުދުއްފުށީގައި ވެސް ހަޅުތާލު ކުރިއަށް ގެންގޮސްފައިވާއިރު ކުޅުދުއްފުށީ ރައްޔިތުން ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް ކައުންސިލަރުންނަށް ބާރު އެޅުމުގެ ގޮތުން ސިޓީއެއް ވެސް ފޮނުވައި، އޭގައި ކައުންސިލަރުން ލައްވާ ސޮއި ކުރުވާފައެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ދުނިޔޭގެ ގައުމުތަކުން ދިވެހި ރާއްޖެއަށް އެހީތެރި ވުމަށް އދ. ގެ އާންމު ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ތަގުރީރުގައި ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.