Last Updated: November 25, 12:45
Monday, November 25, 2024
ޚަބަރު

ދިވެހިން ދޫނުދިނުމުން ކާޓާ، ވަގަށް ނެގި ކުރެހުން ދޫކޮށްލައިފި

އިއްޔެ ޓުވިޓާގައި އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ ދިވެހި އާޓިސްޓެއް ކަމަށްވާ ޝިމްހާޤްގެ ކުރެހުމެއް، އެމެރިކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ އެރަން ކާޓާ "ވަގަށް ނަގައިގެން" އޭނާގެ އަމިއްލަ ކުރެހުމަކަށް ހަދައި މަންފާ ހޯދަން މަސައްކަތް ކުރަން އުޅުނު ވާހަކައެވެ.

ޝިމްހާގް 2014 ވަނަ އަހަރު ކުރެހި ކުރެހުމެއް ކާޓާ ވަނީ އޭނާގެ ވިޔަފާރި ބޭނުމަށް ބޭނުންކުރަން އުޅޭކަން އިންސްޓަގްރާމް އަދި ޓުވީޓާ މެދުވެރިކޮށް އިއުލާންކޮށްފައެވެ. ކާޓާގެ އެއިއުލާނާއެކު ޝިމްހާގް ވަނީ އެއީ އޭނާގެ އަމިއްލަ ކުރެހުމެއް ކަމަށާއި އެއްވެސް މީހަކަށް ވިޔަފާރި ބޭނުމަށް ނުވަތަ އެހެން ބޭނުމަކަށް ވެސް ދޫކޮށްފައިނުވާނެ ކަމަށް ބުނެ، އޮރިޖިނަލް ޕޯސްޓު، ތާރީޚާއެކު ހިއްސާކޮށްފައެވެ.

ނަމަވެސް 90ގެ އަހަރުތަކުގައި މަގުބޫލުވި ބެކްސްޓްރީޓް ބޯއިސް ބޭންޑުގެ ނިކް ކާޓާގެ ކޮއްކޮ، އެރަން ކާޓާ ވަނީ އެއީ އޭނާ ގަނެފައިވާ ކުރެހުމެއް ކަމަށް ބުނެ ޝިމްހާގަށް ރައްދު ދީފައެވެ. އެކުރެހުން ގަތުމުން އެވާނީ އޭނާގެ އަމިއްލަ އެއްޗެއް ކަމަށާއި ބަދަލު ހޯދަން ބޭނުންވާނަމަ ކޯޓަށް ދާން ބުނެފައެވެ.

ކޯޓަށް ދާން ބުނެ ރައްދު ދީފައިވާތާ 7 ގަޑިއިރުތެރޭ ކާޓާ ވަނީ ޝިމްހާގްގެ ކުރެހުން ބޭނުން ނުކުރާނެ ކަމަށް ބުނެފައެވެ. އަދި އޭނާއާ ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ޖައްސާލައި ހަނގާކުރި ކަމަށް ބުނެ އެކަން ކުރި މީހުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ވެސް ބުންޏެވެ.

ޝިމްހާގްގެ މަސައްކަތް ބޭރުގެ އާޓިސްޓަކު ވަގަށް ނެގުމުން އޭނާއާ އެއްކޮށް ދިވެހިންގެ އެތައް ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ތެދުވިފައެވެ. އެތައް ދިވެހިންނެއް ވަނީ ޝިމްހާގްގެ އޮރިޖިނަލް ޕޯސްޓާއި އިންޓަނެޓަށް ލާފައިހުރި ފޮޓޯތަކުގެ ތާރީޚާ އެއްކޮށް ކާޓާގެ ޕޯސްޓުތަކަށް ކޮމެންޓުކޮށްފައެވެ.