އދ. ގެ 74 ވަނަ އާންމު ޖަލްސާގައި ދިވެހި ރާއްޖެއިން ބައިވެރިވުމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ޚަރަދުތަކާ ގުޅިގެން މީޑިޔާގައި ދައުރުވަމުންދާ ވާހަކަތައް ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު އިބްރާހިމް ދޮގުކުރައްވައިފިއެވެ.
ސަރުކާރުގެ ޚަރަދުތައް އިތުރުވަމުންދާއިރު ރައީސްގެ ދަތުރުފުޅަށް 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ހޫދު، ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސްގެ ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްސީލަކީ މީޑިޔާއަށް އާންމުކުރާ މައުލޫމާތެއް ނޫން ކަމަށެވެ.
ނަމަވެސް މިހާރު އާންމުވެފައިވާ އަދަދަށް ވުރެ ޚަރަދުވެގެން ދިޔަ އަދަދު މާބޮޑަށް ވެސް ކުޑަ ވާނެ ކަމަށް ހޫދު ވިދާޅުވިއެވެ. އަދި ބައެއް ފަރާތްތަކުން މިދަތުރުފުޅުގައި 30 އޮފިޝަލުން ބައިވެރިކޮށްފައިވާ ވާހަކައަކީ ވެސް ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ހޫދު ވިދާޅުވިއެވެ.
ފަނަރަ އޮފިޝަލުންނަށް ވުރެވެސް ރައީސްގެ ދަތުރުފުޅުގެ ބައިވެރިންގެ އަދަދު މަދުވާނެ ކަމަށާއި ރާއްޖެ ތަމްސީލް ކުރައްވާ މަންދޫބުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ އެމެރިކާގައި ހުންނަ ދިވެހި އެމްބަސީގެ ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިސަރުކާރު އައި ފަހުން ރައީސްއާއި ނައިބު ރައީސް އަދި ވަޒީރުން ރާއްޖޭގެ ރަށްތަކަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކަކީ ބޮޑެތި އިސްރާފު ހިނގާ ކަންކަން ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.