އިންޑިޔާއަށް ވަޑައިގެންނެވީ ޗުއްޓީއެއްގައި، އަމިއްލަ ޚަރަދުގައި ކަމަށާއި ފާޑުކިޔާ ސަބަބެއް ނުވިސްނޭ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ބޮލީވުޑްގެ ބައެއް އެކްޓަރުންނާއި ކުޅިވަރު ފަންނާނުންނާއި ބައްދަލުކޮށް ފޮޓޯ ލާތީ ބައެއް ފަރާތްތަކުން މަހްލޫފަށް ފާޑުކިޔާތީ މިއަދު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާޓިސްޓުންނާއި ލީޑަރުން އަދި ކުޅިވަރު ކުޅުންތެރިންނާ ބައްދަލުކޮށް ކާމިޔާބިއާ ގުޅޭގޮތުން ވާހަކަ ދައްކައި ޚިޔާލު އަޑުއެހުމަކީ އަބަދުވެސް ކުރާ ހިތްވާ ކަމެއް ކަމަށެވެ.
މިހާރު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅަކީ ޗުއްޓީއެއްގައި، އަމިއްލަ ޚަރަދުގައި ކުރަމުންދާ ދަތުރަކަށް ވާހިނދު އެކަމަށް ފާޑުކިޔައި ހަސަދަވެރިވާތަން ފެނުމުން ކުޑަކޮށް ކަންބޮޑުވާ ކަމަށް ވިދާޅުވިއެވެ.
މަހްލޫފް ވަނީ ބޮލީވުޑްގެ އެކްޓަރ އަދި މިހާރުގެ މަޖިލިސް މެމްބަރެއް ކަމަށްވާ ސުނިލް ޝެޓީއާއި އެކްޓަރ އަމީތާބް ބައްޗަން އަދި ޖޯން ލީވާއާ ވެސް ބައްދަލުކޮށްފައެވެ. މިނިސްޓަރަކު އެފަދަ ގޮތަކަށް އަމަލުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ މަހްލޫފަށް ފާޑުކިޔަމުންނެވެ.