ބޭވަފާތެރި ނައިބު ރައީސަކު ހޮވުމުން ކަންތައްވީ ގޮތް ވަރަށް ސާފުކޮށް ފެނިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ދިވެހި ރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ އެ މަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވޭ ގޮތް ނުވުމަކީ ބައެއް ރިޔާސީ ކެންޑިޑޭޓުންގެ އުއްމީދަކަށް ވެދާނެ ކަމަށެވެ.
ނަމަވެސް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށެވެ. ނަޝީދުގެ ރަނިން މޭޓަކަށް ކަނޑައަޅުއްވާނީ އައްޑު އަތޮޅުގެ ރައްޔިތެއް ކަމަށާއި ރަނިން މޭޓަކަށް ހަމަޖައްސަވާނީ ވަފާތެރި ބޭފުޅެއް ކަމަށް ވެސް ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގެ ސަބަބުން އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް ލިބިފައިވާ ކަމަށެވެ.
އިސްތިއުފާ ދެއްވީ އެ މަނިކުފާނު މަރުގެ ތުންފަތްމަތީގައި ހުންނަވައި ދަރިންނާއި އާއިލާ އަދި ދިވެހި ރައްޔިތުންނަށް ކުރިމަތިވި ނުރައްކާ ބޮޑު ކަމުން ކަމަށާއި ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ސިފައިންގެ ބައެއް އިސް ވެރިން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވާ ކަމަށް ވެސް ނަޝީދު އިތުރަށް ވިދާޅުވި އެވެ.
ރައްޔިތުން ބަލައި ނުގަންނަ ސިޔާސަތެއް އެމްޑީޕީގައި ނެތް ކަމަށާއި އެ ޕާޓީގެ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެވުނު ނަމަ ރައްޔިތުން ތިބޭނީ ވަރަށް ބޮޑަށް ތަނަވަސް ކަމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަދި އެ މަނިކުފާނު އަލުން އަނބުރާ ވެރިކަމަށް ވަޑައިގެން ބޯހިޔާވަހިކަމާއި ސިއްހީ ހިދުމަތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާ ހޯދައި ދިނުން ފަދަ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.