އއ. މަތިވެރި "ކާސާ މިއާ" ގެސްޓް ހައުސް 50 އަހަރުގެ ދިގު މުއްދަތަކަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ރިޗް ކްލަބަށް ޓޫރިޒަމް މިނިސްޓްރީން ކުއްޔަށް ދިނީ އެމިނިސްޓްރީއަށް ލިބިފައި ނެތް ބާރަކުން ކަމަށް ބުނެ މަތިވެރި ކައުންސިލުން، މިނިސްޓަރު އަލީ ވަހީދަށް ފިޔަވަޅު އަޅާދިނުމަށް ގޮވާލައިފިއެވެ.
މަތިވަރީގެ އެންމެ ބޮޑު ގެސްޓް ހައުސް، "ކާސާ މިއާ" ނަމުގައި ހިންގި މިގެސްޓު ހައުސްއަކީ މަތިވެރި ކައުންސިލްގެ އިހުތިސާސްގެ ދަށުގައި ހުރި ތަނެއް ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީއަށް ގެސްޓް ހައުސް ކުއްޔަށް ނުދެވޭނެ ކަމަށްކަ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ނަމަވެސް މިނިސްޓަރ އަލީ ވަހީދު ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ އެގެސްޓް ހައުސް ކުއްޔަށް ދިނުމުގައި މިނިސްޓްރީން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. ގެސްޓު ހައުސް އަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޓޫރިޒަމް ތަރައްގީ ކުރަން މީގެ ދެއަހަރު ކުރިން ކަނޑައަޅާފައި އޮތް ދެ ބިމުގައި ކަމުން، އެތަނުގެ އިހުތިސާސް ނެތީ ކައުންސިލްގައި ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.
މީގެ ކުރިން މި ގެސްޓް ހައުސް ހަދައި ކުއްޔަށް ދީފައިވަނީ 10 އަހަރުގެ މުއްދަތަކަށް އަމިއްލަ ފަރާތެއް ކަމަށްވާ ހ. މާކޮށަރު އަބްދުއްރައްޒާގަށެވެ. އޭނާއަށް ކުއްޔަށް ދީފައިވަނިކޮށް މަތިވެރި ކައުންސިލުން ވަނީ ގަރާރަކުން އެއްބަސްވުން އުވާލާފައެވެ. އެމައްސަލަ ރައްޒާގު ކޯޓަށް ހުށައެޅުމުން މަތިވެރި މެޖިސްޓްރޭޓު ކޯޓުން މައްސަލަ ނިންމީ އިހުތިސާސެއް ނެތް ކަމަށް ބުނެ ކައުންސިލާ ދެކޮޅަށެވެ.
ގެސްޓް ހައުސް ކުއްޔަށް ދިނުމުގައި އަމަލު ކުރައްވާފައިވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ލަފާފުޅުވެސް ހޯއްދެވުމަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ. މަތިވެރި ކައުންސިލުން ވަނީ ރައީސް ސޯލިހް އަދި މަޖިލީހުގެ ރައީސް ނަޝީދަށް، އަލީ ވަހީދުގެ މައްޗަށް ފިޔަވަޅު އަޅާ ދިނުމަށް ވެސް އެދިފައެވެ.