Last Updated: November 25, 09:28
Monday, November 25, 2024
ޚަބަރު

ކުރީގެ މެމްބަރުންގެ ދައުރު ބޮޑު، ޖޭޕީއާ ގުޅިވަޑައިގަންނަވާ: ނިހާން

ރިޔާސީ އިންތިޚާބުގައި ޔާމީންގެ ކެމްޕޭނު ޖަލްސާއެއްގައި ނިހާން ވާހަކަ ދައްކަވަނީ: -

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ދައުރަކީ ކުޑަ ދައުރެއް ނޫން ކަމަށާއި މިއީ އެބޭފުޅުންގެ ބައިވެރިވުން އެންމެ ބޮޑަށް ބޭނުންވާ ވަގުތު ކަމަށް ވިދާޅުވެ، މަޖިލިސް އިންތިޚާބުން ނާކާމިޔާބުވި އިތުރު މެމްބަރުން ޖުމުހޫރީ ޕާޓީއާ ގުޅުމަށް ޕީއެންސީން ޖޭޕީއަށް ބަދަލުވި ކުރީގެ މެމްބަރު އަހުމަދު ނިހާން ދައުވަތު އަރުވައިފިއެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ގޮތުގައި ތިބެ 19 ވަނަ މަޖިލީހަށް ކުރިމަތިލުމަށް ފަހު ނުހޮވުނު ވަރަށް ގިނަ މެމްބަރުންތަކެއް ޖޭޕީއާ ގުޅިފައިވާއިރު ރޭ ވެސް ވަނީ ކުރީގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު އެޕާޓީއާ ގުޅިވަޑައިގެންފައެވެ. އޭނާ ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ދޫކޮށްލާފައެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ޖޭޕީން ތައްޔާރުވާނެ ކަމަށާއި، ޕާޓީގެ ލީޑަޝިޕާއެކު ސަފުތައް ރުކުރުވާލާއިރު "އަހަރެމެންގެ ފަހަރު" ބުނެލާ މަންޒަރު ސިފަވާ ކަހަލަ ކަމަށެވެ. ކޮންމެ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމުގައި ޖޭޕީގެ ދައުރު ބޮޑު ކަމަށް ވިދާޅުވެ ޖޭޕީއަށް ވެރިކަމަށް ނާދެވެންވީ ސަބަބެއް ނެތް ކަމަށް ނިހާން ވިދާޅުވިއެވެ.

ކުރިއަށް އޮތް ފަސް އަހަރު ތެރޭ ޖޭޕީއަށް މެމްބަރުން އިތުރުކުރުމަށް ކުރީގެ މެމްބަރުންގެ "ޕްރޮޑަކްޓިވިޓީ" ވަރަށް މުހިންމު ކަމަށް ވިދާޅުވެ ކުރީގެ މެމްބަރުން ޖޭޕީއާ ގުޅުމަށް ވެސް ނިހާން ގޮވާލާފައިވެއެވެ. ރޭގެ ޖަލްސާގައި އިތުރު ބައެއް ކުރީގެ މެމްބަރުންވެސް ގުޅޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޔާމީނާ އެއްކޮށް ތިބި ގިނަ ބަޔަކު މިހާރު ޖޭޕީއަށް ބަދަލުވަމުން އަންނަ އިރު އެބޭފުޅުން ޕާޓީ ބަދަލުކުރުމުގެ ޖަލްސާއެއްގައި މަޖިލިސް އެއްވެސް މެމްބަރެއް އަދި ވަޒީރެއްވެސް ބައިވެރިވެވަޑައިނުގަންނަވައެވެ.