މެލޭޝިޔާގެ އިންވެސްޓަރުންނާއި ކުންފުނިތައް ހިމާޔަތް ކުރުމަށް، ނަގަން ޖެހޭ ފިޔަވަޅުތައް ނެގުމަށް އެގައުމުގެ ކުރީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ޑަޓުކް ސެރި ރީޒަލް، މެލޭޝިޔާގެ ސަރުކާރަށް ގޮވާލައިފިއެވެ. އޭނާ ވަނީ އެގައުމުގެ ކުންފުނިތައް "ބުލީ" ކުރުން ހުއްޓުވުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެކަންވެސް ކުރުމަށް ގޮވާލާފައެވެ.
މެލޭޝިޔާގެ ސިޔާސީ ފަރާތްތަކުން ސަރުކާރަށް ޕްރެޝަރ ކުރަމުން އަންނަނީ ދިވެހި ރާއްޖޭގައި މެލޭ ކުންފުޏްނަކުން 25 ބުރީގެ އިމާރާތެއް އެޅުމަށް ކުރި އިންވެސްޓުމެންޓުގެ ބަދަލުދޭން ދިވެހި ސަރުކާރުން ދެކޮޅު ހެދުމާ ގުޅިގެންނެވެ. ކުރީ ސަރުކާރުގައި ބިޑު އުސޫލުން ހަވާލުކުރި މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދައްކައިގެން އެކުންފުނިން ވަނީ ރާއްޖެއާ ދެކޮޅަށް 29 މިލިއަން ޑޮލަރު ހޯދަން އޭޝިއަން އާބިޓްރޭޝަންގައި ދައުވާކޮށްފައެވެ.
މިފަދަ ކަންކަން ތަކުރާރުނުވުމަށް މެލޭޝިޔާ ސަރުކާރުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކުރީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ވިދާޅުވެފައިވާއިރު އޭނާ ވަނީ ރާއްޖެއާ މެލޭޝިޔާއާ ދެމެދު ވަރަށް ގާތް ގުޅުމެއް ގާއިމްވެފައިވާކަން ފާހަގަކޮށްފައެވެ. އަދި ދިވެހިންނަށް މެލޭގައި ދިރިއުޅުމާއި ވަޒަންވެރިވުމަށް ހުރި ފަސޭހަ ތައް ހާމަކޮށް ރާއްޖެއިން މެލޭޝިޔާއާ ދޭތެރޭ އަމަލުކުރި ގޮތާ މެދު އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ދިވެހި ދަރިވަރުންނަށް މެލޭޝިޔާ ޔުނިވާސިޓީތަކުން ކިޔެވުމުގެ ފުރުސަތު ފަސޭހައިން ލިބުމާއި، އޮން އެރައިވަލް ވިސާގެ ގޮތުގައި 90 ދުވަސް ދިނުމާއި ދިރިއުޅެ ވަޒަންވެރިވުމަށް ވެސް ދިވެހިންނަށް ހުޅުވާލެވިފައިވާ ފުރުސަތު ފަސޭހަކަމާއެކު އޮތް ކަން ފާހަގަކޮށް، އެފަސޭހަތައް ހުއްޓުވައިގެން ވެސް ދިވެހި ސަރުކާރު ޒިންމާދާރުކުރުވުމަށް އޭނާ ވަނީ މެލޭ ސަރުކާރަށް ގޮވާލާފައެވެ.
ކުރީ ސަރުކާރުން، 2016 ވަނަ އަހަރު ހުޅުވާލި އިންޓަނޭޝަނަލް ބިޑެއް ކާމިޔާބުކޮށްގެން މެލޭޝިޔާގެ ޑަބްލިއުޒީއާރް ޕްރޮޕަޓީއިން ހުޅުމާލޭގައި 25 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު މުޅި ޕްރޮޖެކްޓުގެ 20 އިންސައްތަ ނިމި، ފައުންޑޭޝަންގެ 60 އިންސައްތަ ނިންމާފައިވާއިރު މިހާތަނަށް ދިވެހި ސަރުކާރުގެ ފަރާތުން އެއްވެސް ވަރަކަށް ފައިސާއެއް ލިބިފައިނުވާތީ އެކުންފުނިން ނިންމީ ރާއްޖެއާ ދެކޮޅަށް ދައުވާ ކުރާށެވެ.
ދައުވާ ކުރުމުގެ ކުރިންވެސް އެކުންފުނިން ވަނީ ދިވެހި ސަރުކާރުގެ އިސް ވެރިންނާއި ބައްދަލުކޮށްގެން މަޝްވަރާކޮށް ހައްލެއް ހޯދުމަށް މަސައްކަތް ކޮށްފައި ކަމަށާއި ނަމަވެސް ދިވެހި ސަރުކާރުގެ ފަރާތުން ދެ ޑެޕިއުޓީ މިނިސްޓަރުންނާ ބައްދަލުކޮށް ލިބުނު ކުރިއެރުމެއް ނެތުމުން ދައުވާ ކުރަން ނިންމީ ކަމަށް ކުންފުނިން މެލޭ މެއިލް ނޫހަށް މައުލޫމާތު ދިންކަމަށް އެނޫހުން ރިޕޯޓުކުރެއެވެ.