ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ، މިނިސްޓްރީގެ ބައެއް މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައެއް ސިއްރުން ރެކޯޑުކޮށް އެކަމަނާ ބޭޒާރުކޮށްލަން ބަޔަކު ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެ ފިރިކަލުން، މާމިގިލި ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ނަހުލާ ދިފާއު ކުރައްވައިފިއެވެ.
ރޭ އޮތް ޖޭޕީގެ ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ނަހުލާ ބޭޒާރުކޮށްލަން ކުރި މަސައްކަތް ނާކާމިޔާބުވެ އެކަމަނާއަށް އެ އޯޑިއޯ އިން ލިބުނީ އާންމުންގެ ތައުރީފު ކަމަށެވެ. މަސައްކަތް ނުކުރާ މުވައްޒަފުން، ގަޑިއަށް ހާޒިރުނުވާ މުވައްޒަފުން މިނިސްޓަރު ދެކެ ރުޅި އަންނާނެ ކަމަށާއި ނަމަވެސް އެވާހަކަ ދެއްކުމަކީ މިނިސްޓަރުގެ ޒިންމާއެއް ކަމަށް ވިދާޅުވެ ގާސިމް ވަނީ ހަނގު އަނބިކަނބަލުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
އަދި ބައެއް މުވައްޒަފުން ރައީސް އޮފީހަށް ނަހުލާ ބޭރުކުރަން ޕެޓިޝަނެއް ހުށައަޅާފައިވާކަން ފާހަގަކޮށް ގާސިމް ވަނީ މަސައްކަތް ނުކުރާތީ އަޅާ ފިޔަވަޅެއް ރައީސް ބަދަލުކުރައްވާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ސަންގު ޓީވީއިން ލީކުކޮށްލި އޯޑިއޯގައި މިނިސްޓަރ ނަހުލާ ވިދާޅުވެފައިވަނީ މަސައްކަތް ނުކުރާ މުވައްޒަފުން ޓްރާންސްޕޯޓް މިނިސްޓްރީގައި ގިނަ ކަމަށެވެ. އެކަން ފާހަގަކުރައްވަނީ ވަރަށް ހިތާމައާ އެކު ކަމަށާއި ނަމަވެސް އެއީ ހަގީގަތް ކަމަށް ވިދާޅުވިއެވެ.
މާދަމާ ވެސް ގޭގައި އިންނަން ތައްޔާރު ކަމަށާއި ނަމަވެސް މަގާމުގައި ހުރިހާ ހިނދަކު މިނިސްޓްރީގެ މަސައްކަތް ރަނގަޅުކުރަން ކުރެވެން އޮތް ކަމެއް ކުރައްވާނެ ކަމަށް ދޭހަވާ ގޮތަށް ނަހުލާގެ ވާހަކަ އޯޑިއޯގައި އިވިގެން ގޮސްފައިވެއެވެ.