ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ސިޔާސީ އިދިކޮޅު ލީޑަރުން ހައްޔަރުކޮށް ޖަލަށްލާފައިވަނީ ޗައިނާ ފަހަތުގައި އޮވެގެންކަމަށް މަޖްލިސްގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގައި ކުރިއަށްދާ އިންޑިއާ އިކޮނޮމިކް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއިން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކޮށް މަޖްލިސް ހުއްޓުމަކަށް ގެނައުމުގެ ފަހަތުގައި އޮތީ ޗައިނާ ކަމަށާއި އޭގެ ބޭނުމަކީ ރާއްޖެއަށް ޗައިނާގެ ސިޔާސަތު ގެނައުމަށްކަމަށެވެ.
ޗައިނާއަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޗައިނާގެ ގިނަ ލޯޔަރުން ޖަލަށްލާފައިވާ ކަމަށާއި އެގައުމު ގެންގުޅޭ ސިޔާސަތުގެ ސަބަބުން ދުނިޔޭގެ ގަދަ ބާރެއްގެ ގޮތުގައި ދެމިއޮވެވިދާނެ ކަމަށް ގަބޫލް ނުކުރައްވާކަމަށެވެ.
ނަޝީދު ވިދާޅުވީ ޗައިނާއަށް ފާޑު ވިދާޅުވަމުން އިންޑިއާ ސަރުކާރަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން އިންޑިއާ އަކީ ތަފާތު ގައުމެއް ކަމަށާއި އެގައުމުން ހުރިހާ ކަމެއްގައި އިސްކުރާނީ ރައްޔިތުންގެ ބޭނުންވާ ގޮތްކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މި ދެގައުމުން ބާރު ހޯދުމަށް ކުރާ ހަނގުރާމައިގެ މެދުގައި ތިބެން ބޭނުން ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އެގައުމުގައި ކުރިއަށްދާ އޭޝިއާގެ ޑައިވިން އެލްސްޕޯގައި ބައިވެރިވުމަށާއި އިންޑިއާ އިކޮނޮމިކް ސަމިޓު ގައި ބައިވެރިވުމަށެވެ. މި ދަތުރުފުޅަށް ވަޑައިގަތީ ދެ ކޮޅު ޓިކެޓާއި ހުރުމުގެ ހަރަދު ހަމަޖެއްސުމުންކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.