މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި ގުރުއާނަށާއި ކީރިތި ރަސޫލާއަށް އަމާޒުކޮށް ބަދުބަސް ހާމަ ކޮށްފައިވާ އިރު އެކަމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ހަނު" ހުންނަވަނީ ކީއްވެގެންތޯ ޕީއެންސީގެ ރައީސް އަދި ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ސުވާލު އުފައްދަވައިފިއެވެ.
އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތް ވެގެން ވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާ އަށް ފާޅުގައި ބަޔަކު ހަޖޫ ޖަހަމުން ދާއިރު ރައީސް ސޯލިހް ހަނު ހުންނަވަނީ ކޮން ކަހަލަ މަޖުބޫރު ކަމެއް އޮވެގެންތޯ ސުވާލު ކުރައްވާފައެެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކަށް މަތީ މަގާމު ދެއްވާފައިވަނީ ކީއްވެގެންތޯ އަދުރޭ ވަނީ ސުވާލު ކުރައްވާފައެވެ.
@ibusolih,Maiy vegenvaa ilsam dheenah furahsaara koh keerithi rasool(SAW) ah faalhugai bayaku hajoo jahamun dhaairu Manikfaan hanu hunna vanee konkahala majubooru kameh ovegenthoa?efadha kankan kuraa faraiy thakah mathee magaam thah dhehvaigen thi ulhuhvanee keeh kurahvanthoa?
— Abdul Raheem Abdulla (@Banafsaa) October 4, 2019
އަދުރޭ މިފަދައިން ސުވާލު ކުރެއްވި އިރު އެމްޑީއެންގެ ރިޕޯޓު ނެރުމުގައި އިސްކޮށް ހަރަކާތްތެރިވި ޝަހިންދާ އިސްމާއިލް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ޖަލުތަކުގެ ހާލަތު ބެލުމަށް އެކުލަވާލި ކޮމެޓީގެ މެންބަރެކެވެ.
ކީރިތި ރަސޫލާ އަށާއި ގުރުއާނަށް ހަޖޫ ޖަހައި އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލަ އާއި ގުޅިގެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ދީނީ އިލްމުވެރިން އަދި މަޖްލިސްގެ ބައެއް މެމްބަރުން އަންނަނީ އެމްޑީއޭ އުވާލުމަށާއި އެކަމުގައި ޝާމިލްވާ ފަރާތްތައް ހާޒިރުކޮށް ތަހްގީގު ކުރުމަށް ގޮވާލަމުންނެވެ.
އަދި އިސްލާމިކް މިނިސްޓްރީން ވަނީ މި މައްސަލަ ތަހްގީގު ކުރުމަށް ފުލުހަށް ހުށައަޅާފައެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްްމަދު ސޯލިހު އަދި މިހާތަނަށް އެއްވެސް ވާހަކައެއް ދައްކަވާފައި ނުވެއެވެ. އެހެންވެ އެމަނިކުފާނަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ފާޑު ވިދާޅުވަމުންނެވެ.