ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޗައިނާއާ ގުޅޭގޮތުން ދެއްކެވި ވާހަކައަކީ ހަގީގަތެއް ނެތް ވާޙަކައެއް ކަމަށް ބުނެ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޒެންގ ލިޒޮންގ އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެތައް ސިޔާސީ ލީޑަރުންނެއް ހައްޔަރުކުރީ ޗައިނާ ފަހަތުގައި އޮވެ ކަމަށް ނަޝީދު ވަނީ އިންޑިއާގައި ކުރިއަށްދާ އިންޑިއާ އިކޮނޮމިކް ސަމިޓުގައި ވިދާޅުވެ އެގައުމަށް ފާޑުވިދާޅުވެފައެވެ.
ޖަވާބުގައި ޗައިނާ އެމްބެސެޑަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދު ޗައިނާ އާ ގުޅޭގޮތުން ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅެއް ކަމަށެވެ. ޗައިނާއިން ހުރިހާ ގައުމަކާއެކު ވެސް ގުޅުން ބަދަހި ކުރަނީ ސުލްހަވެރިކަމާއެކު މަސައްކަތް ކުރުމުގެ ނިޔަތުގައި ކަމަށާއި، އެއްވެސް ގައުމަކަށް ކަންކަން ކުރަންވާ ގޮތެއް އަންގާ ގައުމެއްގެ ގޮތުގައި ޗައިނާ ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ޗައިނާއިން އަބަދުވެސް ގެންގުޅޭނީ އިގްތިސޯދީ ކުރިއެރުމުގެ ވިސްނުމެއް ކަމަށާއި ގައުމެއްގެ ދާޚިލީ އަދި ސިޔާސީ ކަންކަމާ އެގައުމުން ނުބެހޭނެ ކަމަށް ވެސް އެމްބެސެޑަރު ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމްވެފައި އޮތް ގުޅުމުން ކުދި ގައުމުތަކާއެކު ވެސް ރަނގަޅު ގުޅުމެއް ގާއިމް ކުރުމުގެ ގާބިލުކަން ޗައިނާގެ ކިބައިގައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ތިންވަނަ ކަމަކަށް އެމްބެސެޑަރު ފާހަގަކޮށްފައިވަނީ، އިންސާނީ ހައްގުތަކާ ގުޅޭގޮތުން ތާރީޚީ ކުރިއެރުން ޗައިނާއިން ހޯދާފައިވާ ކަމަށެވެ. އެގޮތުން 800 މިލިއަން މީހުން ބަނޑުހައިހޫނުކަމުން ސަލާމަތް ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަހު ކަމަކަށް ފާހަގަކުރެއްވީ ޗައިނާއާއި އިންޑިޔާ ޖައްސާލަން އެއްވެސް ބަޔަކު ކުރާ ކަމެއް ކާމިޔާބު ނުވާނެ ކަމަށެވެ.
އަދި އިންޑިޔާއާ ޗައިނާއާ ދެމެދު އޮތް ގުޅުން ހީނަރުވުމުގެ ބަދަލުގައި ވަރުގަދަ ވުމަކީ ރާއްޖެއަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް އެމްބެސެޑަރު ލިޒޮންގ ވިދާޅުވިއެވެ.
ޗައިނާއާ ގުޅޭގޮތުން ރައީސް ނަޝީދު ދައްކަވާ ވާހަކަތައް އެމްބެސެޑަރަށް ކަމު ނުގޮސްގެން މީގެ ކުރިންވެސް ވަނީ ޓްވިޓާގައި ނަޝީދަށް ރައްދު ދެއްވާފައެވެ.