ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެހެން މަގާމެއް ފުރުއްވާނަމަ ދައުލަތުން އެރައީސަކަށް ދެއްވާއިނާޔަތުގެ ފައިސާ އާއި މަގާމުގެ މުސާރައިގެ ފައިސާގެ ތެރެއިން ކޮންމެވެސް އެކައްޗެއް ކަނޑާލުމަށް އިސްލާހު ގެންނަން ހުށައަޅައިފިއެވެ.
ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ގާނޫނު އިސްލާހުކޮށް، އެ ދެއިނާޔަތުން އެއް އިނާޔަތް ކަނޑަން އިޚުތިޔާރު ދިނުމަށް ހުށައަޅާފައިވަނީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އަހުމަދު އީސައެވެ.
އީސަ ވިދާޅުވީ ގާނޫނު ބަދަލުކޮށްގެން އެކަންކުރަން ޖެހެނީ ދައުލަތުގެ ބަޖެޓުން އެފަދަ އިސްރާފެއް ކުރިއަށް އޮތް ތަނުގައި ވެދާނެތީއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް އިންތިޚާބުވެފައިވާއިރު އެމަނިކުފާނަކީ މިހާރު މަޖިލީހުގެ ރައީސެވެ.
ރައީސް ނަޝީދަށް ކުރީގެ ރައީސުންގެ އިނާޔަތް ވެސް ގާނޫނުން ލިބެން އޮތް ނަމަވެސް އެމަނިކުފާނު އެ އިނާޔަތް މިހާރުވެސް ނުނަންގަވާ ކަމަށް އީސަ ވިދާޅުވިއެވެ.
ނަޝީދު ވަނީ މީގެ ކުރިންވެސް، ފައިސާއާއި އިނާޔަތަކީ ބޭނުންވެގެން އެފަހާ ދުވެ އުޅޭ އެއްޗެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެއީ އެމަނިކުފާނު އަމިއްލަފުޅަށް ބޭރަށް އަރުވާލެވިގެން ހުންނެވިއިރު ކުރީގެ ރައީސުންގެ އިނާޔަތް ކުރީ ސަރުކާރުން ކަނޑާލުމާ ގުޅިގެންނެވެ.