ބޮޑެތި ވިޔަފާރިވެރިންނާއި މަހުޖަނުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ ވަޒީރުންގެ އަތުންވެސް އިންކަމް ޓެކްސް، ބިލް ފާސްވެ ގާނޫނަށް އަމަލުކުރަން ފެށުމުން ނެގޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އިއްޔެ އިންކަމް ޓެކްސްގެ ބިލާއެކު އިތުރު ބިލްތައް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާއިރު އިންކަމް ޓެކްސް ނަގަން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ރައީސް އދ. އަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އިންކަމް ޓެކްސްގެ ބިލާއި މިނިމަމް ވޭޖްގެ ބިލް މަޖިލީހަށް ފޮނުވަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރ އާޒިމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުއްސަނދިންނާއި ބޮޑު މުސާރަ ނަންގަވާ ބޭފުޅުން އަތުން ވެސް ޓެކްސް ނެގޭނެ ކަމަށާއި، ނަގަނީ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަ ކުރުމަށް ކަމަށެވެ.
މިބިލް ފާސްވެ ގާނޫނު ތަސްދީގު ވެއްޖެނަމަ ރާއްޖޭގެ ތާރީޚުގައި އިންކަމް ޓެކްސް ނަންގަވާ ފުރަތަމަ ރައީސަކަށް ވެގެންދާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ޓެކްސްގެ ގާނޫނު ތަސްދީގުކޮށް ވިޔަފާރިތަކުން ޓެކްސް ނަގައި ދައުލަތަށް އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ފެއްޓެވީވެސް އެމްޑީޕީގެ ވެރިކަމުގައެވެ.