ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ އިން ނެދަލޭންޑްސްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ދިވެހި ސަރުކާރާ ދެކޮޅަށް 155 މިލިއަން ޑޮލަރު ބަދަލުގައި ހުށައެޅި މައްސަލައިގެ ތެރެއިން ސަރުކާރުން، ކޯޓުން ބޭރުގައި 848 މިލިއަން ރުފިޔާ އެކުންފުންޏަށް ދެއްކުމަށް ނިންމައި ސެޓްލްމެންޓެއް ހަދައިފިއެވެ.
ނޫމަޑިއާ ދެމެދު 2011 ގައި ސޮއިކުރެވުނު އެއްބަސްވުމަކީ 600 ހައުސިން ޔުނިޓު އެޅުމަށާއި އޭގެ ފަހުން 2013 ގައި 500 ހައުސިން ޔުނިޓް، ޕޮލިސް އެކެޑަމީ ފޭސް 1، ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް ސަރުކާރާ ވެވުނު އެއްބަސްވުންތަކެވެ.
މިމަސައްކަތްތަކަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ހޯދުމަށް ނޫމަޑި އިން އާބިޓްރޭޝަނަށް މައްސަލަ ހުށައެޅުމުން، ކޯޓުން ބޭރުގައި މައްސަލަ ނިންމާލީ އެކަން ކުރުމަށް އޮތް ރަނގަޅު ގޮތަކީ އެއީ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އުފެއްދެވި ސެޓްލްމެންޓް ކޮމިޓީއަށް ފެންނާތީ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
އަދި މިމައްސަލާގައި ކުރިއަށް ދިއުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ، ސަރުކާރާ އެކު ގާއިމުވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ ދެބަސްވުންތައް ނިމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުނ 55 މިލިއަން ޑޮލަރުގެ ސެޓްލްމެންޓް އެއްބަސްވުމެއް ގާއިމް ކުރުމުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުން ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން ވަކި ހިސާބަކުން އުވާލާފައިވަނީ ނޫމަޑި އިން ކޮންޓްރެކްޓާ ޚިލާފުވި ކަމަށް ބުނެއެވެ. ނަމަވެސް އެކުންފުނިން ބުނެފައިވަނީ އެއްބަސްވުމާ ޚިލާފު ވެފައިވަނީ ސަރުކާރުން ކަމަށެވެ. އެގޮތުން ނޫމަޑިއަށް ރިސޯޓެއް ގާއިމްކުރުމަށް ދިން ރަށެއް އެއްބަސްވުމާ ޚިލާފަށް ސަރުކާރުން ނަގާފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބުނެފައިވެއެވެ. މިކަން ހިނގާފައިވަނީ ޔާމީންގެ ވެރިކަމުގައި، 2015 ވަނަ އަހަރުގައެވެ.
ރަށް އަތުލުމުން ކޮންޓްރެކްޓުކުރި މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށް ނޫމަޑިއިން އޭރު ބުނެފައިވާއިރު 80 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މަސައްކަތް ނިންމާފައިނުވާތީ ރައްޔިތުންނަށް އޭގެ އެއްވެސް މަންފާއެއް ކުރެވިފައެއް ނުވެއެވެ.