އައްޑޫއަށް ކުރާ ވިއްސާރާގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަނީ މަގުތަކަށްވުރެ ގެތައް ތިރިވުމުން ކަމަށް މޭޔަރ އަބްދުﷲ ސޯދިގް ވިދާޅުވެއްޖެއެވެ.
މޫސުން ގޯސްވެ ވިއްސާރަވާ ދުވަސްތަކުގައި ބޯކޮށް ވާރޭ ވެހިއްޖެނަމަ އައްޑޫގެ އާބާދީގެ ބޮޑު ބަޔަކަށް އޭގެ އަސަރު ކުރެއެވެ. ގެތަކަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާނަށް ގެއްލުން ވުމަކީ ފަހަކަށް އައިސް އާންމު ކަމެކެވެ.
ހުކުރު ދުވަހުގެ ރެޔާއި އިއްޔެ އައްޑުއަށް ކުރި ވިއްސާރާގައި ވެސް 140 އަށް ވުރެ ގިނަ ގެއަށް ފެން ވަދެ ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަން ވަނީ ހޯދާފައެވެ.
ވިއްސާރައާ ގުޅިގެން މޭޔަރ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފެންބޮޑުވާ މައްސަލައެއް ދާއިމީ ހައްލެއް ހޯދަން އޮތީ ދެގޮތެއް ކަމަށެވެ. އެއް ގޮތަކީ ޑްރެއިނޭޖް ސިސްޓަމް ގާއިމް ކުރުން ނުވަތަ ގެތައް އުސްކުރުން ކަމަށެވެ.
މަގުތައް ހަދާއިރު ވެލި އެޅުމުން ގެ ހުންނަ ލެވެލްއަށް ވުރެ މަގު އުސްވެއެވެ. އެގޮތަށް ކަންކުރަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާއިރު މިހާރު ގެތައް ތިބެނީ މަގަށްވުރެ ވެސް ތިރީ ލެވެލްއެއްގައި ކަމަށް ވުމުން ފެންބޮޑުވެ ގޭތެރެއަށް ވެސް ފެން ވަދެގެން ދެއެވެ.
ގެތައް އުސްކުރެވޭ މީހުން އުސްކުރުމަކީ ކައުންސިލުން ވަރަށް އެދޭ ކަމެއް ކަމަށާއި އެކަން ކޮށްފިނަމަ ފެންބޮޑުވުމަށް ހައްލު ލިބޭނެ ކަމަށް މޭޔަރ ސޯބެ ގަބޫލު ކުރައްވައެވެ. "ކައުންސިލުން ވަރަށް ބޮޑަށް އެދޭ ކަމެއް ގެތައް އުސްކުރެވެން ހުރި މީސްމީހުން އެކަން ކުރުމަކީ،" ސޯބެ، "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.