ޖޫން 18 ވަނަ ދުވަހު ފެށި "ފްލައި މީ އައްޑޫ ފުޓްސަލްގެ 2013" ގެ ޗެމްޕިއަންކަން ދި ފޭދޫ ސްޕޯޓްސް އިން ހޯދައިފި އެވެ.
ރޭ ފޭދޫ ބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗް ދި ފޭދޫ ކާމިޔާބް ކުރީ ހިތަދޫ މަލްޓީ ޖީނިއަސް ޕެނަލްޓީ ޖަހައިގެން 5-4 ލަނޑުން ބަލިކޮށްގެންނެވެ.
ރޭގެ މެޗްފެށިގެން ފުރަތަމަ ލީޑް ނެގީވެސް ދި ފޭދޫންނެވެ. ދި ފޭދޫގެ އިފާން ގޯލެއްޖަހައި ކުރި ހޯދާފައިވަނިކޮށް މަލްޓީ ޖީނިއަސްގެ އަހުމަދު ޝާފިއު (ޝާޓީ) ވަނީ ލަނޑެއްޖަހައި ސްކޯ އެއްވަރުކޮށްފަ އެވެ.
އަތޮޅުގެ ރަށްތަކުން ގިނަ ބަޔަކު މެޗްބަލަން ދިޔަ މެޗްގެ ދެވަނަ ފަހަރަށްވެސް ލީޑް ނަގައި ކުރި ހޯދައިދިނީ ދި ފޭދޫގެ އިފާންއެެވެ. ނަމަވެސް އަނެއްކާ ވެސް މަލްޓީ ޖީނިއަސްގެ އިޒްދިހާރު ލަނޑެއް ޖަހައި ނަތީޖާ 2-2 ހަމަ ހަމަ ކުރިއެވެ.
އެހެންވެ ފައިނަލް މެޗްގެ ނަތީޖާ ޕެނަލްޓީ ޖަހއިގެން 5-4 ކާމިޔާބް ކުރީ ދި ފޭދޫ އެވެ.
މުބާރާތުގެ ފައިނަލް މެޗަށް ފަހު ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިންނަށް އިނާމު ދީފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދި ފޭދޫ ސްޕޯޓްސްގެ އިބްރާހިމް މުހައްމަދު ދީދީ އެވެ.
މި މުބާރާތުގެ ގަދަ 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ގޯދިއްޔާގެ ހަސަން ޝިއުސް (ބުއްލީ)، ގޯދިއްޔާގެ ހުސެއިން ރިޒްވީ އާއި މެޖެންޓާގެ މުހައްމަދު ތިލްމީޒު (ބިއްޑޭ) އާއި ދި ފޭދޫ ސްޕޯޓްސްގެ އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން މަލްޓި ޖީނިއަސްގެ އަހުމަދު ސައީދު (އައްމަޓީ) އެވެ.
މުބާރާތުގެ ފެއާޕްލޭ ޓީމަކީ ފޭދޫ ހޫރު ޝަހަރު އެވެ. އަދި ފެއާ ޕްލޭ ކުޅުންތެރިއަކީ އަހުމަދު މާން އައްސަދު އެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ގޯދިއްޔާގެ ހަސަން ޝިއުސް އެވެ. އަދި މޮޅު ކޯޗަކީ ދި ފޭދޫ ސްޕޯޓްސްގެ ކޯޗު އަބްދުﷲ އަސްވާން އެވެ.