މި އަހަރު ފެބްރުއަރީ މަހު އެސްޓިއޯ އިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތެރޭގައި ހުޅުވި ބޭސް ފިހާރައިން އާސަންދައިގެ ދަށުން ލިބެން ޖެހޭ ގިނަ ބޭސްތައް ނުލިބުމުގެ ޝަކުވާ އާއްމުން ރައްޔިތުން ކުރަން ފަށައިފި އެވެ.
އާއްމުކޮށް އާސަންދައިން ލިބެން ހުންނަ ބޭސް އެސްޓީއޯ ފާމަސީން ލިބެނީ ގަންނާށެވެ.
އައްޑޫގައި އާސަންދައިގެ ދަށުން ބޭސް ލިބެން ނެތުމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް ރާއްޖެ އަށް ބޭސް އެތެރެ ކުރާ އެއް ފަރާތް ކަމަށްވާ އެސްޓީއޯ އިން ހިތަދޫގައި ބޭސް ފިހާރަ ހުޅުވުމަށް ފަހު ބުނެފައި ވަނީ އާސަންދުގެ ދަށުން ލިބެން ޖެހޭ ބޭސް ބަރާބަރަށް ފާމަސީން ލިބެން ހުންނާނެ ކަމަށެވެ.
ބޭސް ފިހާރަ އަށް ބޭސް ސިޓީއެއް ހިފައިގެން ވަނުމުން އިވޭ އަޑަކީ "މި ސިޓީ އަށް ލިބެނީ އެއް ބޭސް. ދެން ހުރި ބޭސް ޖެހޭނީ ގަންނަން" މި އެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި އާސަންދުގެ ދަށުން އެޑްމިޓް ކޮށްފައި ތިބޭ މީހުންނަށް ބޭނުންވާ އާދައިގެ ބޭސް ވެސް ލިބެން ނުހުރެ އެވެ.
އެގޮތުން އިންޖެކްޝަންތަކާއި، އައިވީގެ އިތުރުން ސިރިންޖާއި މިއިން ގިނަ ސާމާން ޖެހެނީ ގަންނާށެވެ. އަދި މިގޮތަށް އެސްޓީއޯ ބޭސް ފިހާރައިން އަމަލު ކުރަމުން ގެންދަނީ އެސްޓީއޯގެ ފަރުވާ ކުޑަކަމުން ކަމަށް މައުލޫމާތު ލިބެ އެވެ.
ބޭސް ފިހާރައަށް ދިޔަ މީހަކު ބުނީ މިގޮތަށް މިކަން ހައްލު ނުވެގެން އުޅެނީ ބަޔަކު މިކަމާ އަޅާ ނުލާތީ ކަމަށެވެ.
"ވާ ގޮތަކީ ގަންނާށޭ ބުނީމާ އެންމެން ގަނެގެން ދަނީ، އެނގޭ އެއީ އާސަންދައިން ލިބޭ ބޭސްކަން ވެސް. އަނެއް ކޮޅުން އެސްޓީއޯ އަކުން ބޭނުމެއް ނުވޭ މިކަން ހައްލުކޮށް ދޭކަށް."
އާސަންދައިގެ ދަށުން "އެއް ބޭސް" ހޯދަން ކިއު ހަދާލައިގެން ތިބި އިރު ބޭސް ފިހާރައިގެ ހިދްމަތް ރޭގަނޑު 12 ޖެހުމުން މެދު ކެނޑޭ މައްސަލާގައި ވެސް އާއްމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
ނަމަވެސް ބޭސް ފިހަރަ ހުޅުވި އިރު އެސްޓީއޯ އިން ބުނެފައި ވަނީ 24 ގަޑި އިރު ހިދްމަތް ލިބޭ ގޮތަށް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެެ. އަދި މިކަމަށް ވެސް ހައްލެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.