Last Updated: December 22, 20:12
Sunday, December 22, 2024
ޚަބަރު ރައީސް ސޯލިހު

އިސްލާމްދީނާއި ރަސޫލާއަށް މަލާމާތްކުރަން ފުރުސަތު ނުދޭނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރަން ޖާގަ ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދ.ހުޅުދެލި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަން އެގޮތުގައި އޮންނާނެ ކަމަށާއި އެކަމަށް ހުރަހެއް ނާޅާނެ ކަމަށެވެ. ނަމަވެސް ހަމަނުޖެހުމަށް ގޮވާލާ ގޮވާލުންތައް ހުއްޓުވާނެ ކަމަށާއި އެފަދަ ކަންކަމަށް ފުރުސަތު ވެސް ނުދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ރާއްޖޭގައި އޮންނާނީ އިސްލާމްދީން. އިސްލާމްދީނަށް ގޮންޖަހައި، އެއަށް ބަދުބަސް ބުނެ، ރަސޫލާ އަށް މަލާމާތްކޮށް، އެއީ އަޅުގަނޑުމެން ފުރުސަތު ދޭނެ ކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން އިސްލާމްދީނުގެ ނަމުގައި ފިތުނަ ފަސާދަކުރުމަށް ވެސް ޖާގަ ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޓެރަރިޒަމްގެ ގާނޫނަށް ދާދިފަހުން އިސްލާހު ގެނައީ ރާއްޖޭގައި އޮތް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނަގާލުމުގެ ބޭނުމުގައި ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވިއިރު އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އަދި އެ ޖަމިއްޔާގެ ހަރަކާތްތައް ވަގުތީ ގޮތުން މިހާރު ހުއްޓުވާފައިވާއިރު އެ ރިޕޯޓުގެ މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ނަމަވެސް އެ ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައިނުވާއިރު، ބައެއް ފަރާތްތަކުން ވަނީ އެ ޖަމިއްޔާ އުވާލުމަށް ވެސް ސަރުކާރަށް ގޮވާލާފައެވެ.