"ބާޣީ" ސަރުކާރުގެ ހޯމް މިނިސްޓަރު ކަމުގައި ހުންނަވައި އައްޑޫގެ އެތައް ރައްޔިތުންނަކަށްް ފުލުހުން މެދުވެރިކޮށް އަނިޔާ ކުރުވައި، މުޅި ދިވެހި ފުލުހުންގެ މުވައްސަސާގެ އަގު ވައްޓާލައި ސިޔާސީ ނުފޫޒު އެމުވައްސަސާ އަށް ފޯރުވައި އައްޑޫ ގެ އެތައް ރައްޔިތުންނެއްގެ މައްޗަށް ނުހައްގުން ޓެރަރިޒަމްގެ ދައުވާ އުފުލުމުގެ ޒިންމާ މުޙައްމަދު ޖަމީލް އަހުމަދު ނަންގަވަން ޖެހޭނެ ކަމަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކްޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުޙައްމދު ނަޝީދަށް ނިސްބަތްކުރައްވާ ޕީޕީއެމްގެ ރަނިންމޭޓް މުހައްމަދު ޖަމީލް އަހުމަދު 2 ޖުލައި 2013 ރޭ ފޭދޫގައި ބޭއްވި ޖަލްސާގައި ހަޤީޤަތާ ޚިލާފް އެތައް ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ.
އަދި އެވާހަކަ ތަކަކީ ފިތުނަ ފަސާދަ އުފެއްދެވުމަށާއި ރައްޔިތުންނަަށް އޮޅުވާލެއްވުމަށް ކުރައްވާ ދަށު ދަރަޖައިގެ ފިނޑި ޢަމަލެއްތަކެއްކަމުގައި މިޕާޓީން ޤަބޫލު ކުރާ ކަމަށެވެ.
އެމްޑީޕީން ބުނީ ޑރ. ޖަމީލްއަކީ އެބޭފުޅާގެ ކުރީގެ ޕާޓީ ޤައުމީ ޕާޓީގައި ހުންނަވައިގެން އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުން އެކަމުން އައްޑޫ ސިޓީގެ ރައްޔިތުން މަހުރޫމު ކުރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅާ ކަމަށެވެ.
އެގޮތުން އެކަން ބާތިލް ކުރުމަށް ކޯޓަށް ހުށަހަޅުއްވާ އައްޑޫ ސިޓީގައި ސާރކް ސަމިޓް ބޭއްވުމަށް ހުށައެޅުނު ބަޖެޓާއި ސީދާ ދެކޮޅަށް ވާހަކަދެއްކެވި ބޭފުޅާ ކަމަށެވެ.
"މީގެ އިތުރުން މުޙައްމަދު ޖަމީލް އަހުމަދަކީ އެބޭފުޅާގެ ކުރީގެ ޕާޓީ ޤައުމީ ޕާޓީގައި ހުންނަވައިގެން އައްޑު އަށް ސިޓީއެއްގެ ދަރަޖަ ދިނުމުން އެކަމުން އައްޑޫ ސިޓީގެ ރައްޔިތުން މަހުރޫމު ކުރުވުމަށް، އެކަން ބާތިލް ކުރުމަށް ކޯޓަށް ހުށަހަޅުއްވާ އައްޑޫ ސިޓީގައި ސާރކް ސަމިޓް ބޭއްވުމަށް ހުށައެޅުނު ބަޖެޓާއި ސީދާ ދެކޮޅަށް ވާހަކަދެއްކެވި ބޭފުޅެކެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި އައްޑޫ ސިޓީގައި ބޭއްވި ސާރކް ސަމިޓުގެ ސަބަބުން އައްޑޫ ސިޓީގެ ތަރައްޤީއާއި ގުޅިފައިވާ އެތައް ޕްރޮޖެކްޓެއް ހިންގި، ފެނާއި، ނަރުދަމާ އަދި ބަނދަރުގެ މަސައްކަތްވެސް ހިންގުނުކަން މިދަނޑިވަޅުގައި ފާހަގަ ކުރަމެވެ. އެހެންނަމަވެސް ޖަމީލް ނިސްބަތްވާ ކެބިނަޓަކުން ނިންމައި ސަދަން ޔުޓިލިޓީޒްގެ މަސައްކަތް މައި ސަރުކާރުންކޮށް މުޅި އައްޑޫ ސިޓީގެ ފެނާއި ނަރުދަމާ އަދި ބަނދަރުގެ މަސައްކަތް މިހާރު ހުއްޓިފައިވާކަމީ އައްޑޫ ސިޓީގެ ތަރައްޤީއަށާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް އަނެއްކާވެސް ވޭތުވެދިޔަ 30 އަހަރުގެ ބިކަ ހާލު ޖެއްސުމުގެ ވިސްނުމުގައި ކޮށްފައިވާކަންކަން ކަމުގައި ޤަބޫލު ކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ. "އެމްޑީޕީގެ ސަރުކާރުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް މީގެ ކުރިން ސަރުކާރެއްގައި ކުރެވިފައިނުވާ މިންވަރަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރަމެވެ. އައްޑޫ ސިޓީގެ 2614 ރައްޔިތުންނަށް 85 މިލިއަން ރުފިޔާގެ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ލިބިގެން ދިޔަކަން އަޅުގަނޑުމެން އުފަލާއެކު ބަލައިގަންނަމެވެ. އަދި އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފޭދުގައި 25 ރޯހައުސް ތަރައްޤީކުރެވި އިތުރު ހައުޒިން ޔުނިޓުތައް ހިތަދޫގައިވެސް ތަރައްޤީކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވާކަން ފާހަގަކުރަމެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ މަގު ހެދުމާއި ބަނދަރު އަދި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށި ބައެއް މަސައްކަތް ނިމި، އަނެއްބައި މަސައްކަތް ހުއްޓިފައިވަނީ ޖަމީލު ހިމެނިވަޑައިގަންނަވާ ފުޅާ ކޯލީޝަނުގެ ދޯދިޔާކަމުން ކަމުގައި ދެކެމެވެ."