އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް 100 ޕަސެންޓު ތާއީދު ކުރައްވާ ކަމަށް ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ހުސްވެފައިވާ އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާކަން އަސްލަމް އިއުލާން ކުރެއްވީ އިއްޔެއެވެ. މިއަދު ފޯމު ހުށައަޅައި ކެމްޕޭނު ކުރުމަށް ލިބިފައިވާ މަދު ދުވަސްކޮޅު ތެރޭގައި ދިއުމަށް ހަމަޖެހިފައިވާ ރަށްތައް އިއުލާން ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވެފައިވެއެވެ.
ނިޒާރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑިމޮކްރަސީގެ ބިންގާ ރާއްޖޭގައި ގާއިމް ކުރުމަށް އެންމެ ބުރަ މަސައްކަތް ކުރެއްވި މަދު ބޭފުޅުންގެ ތެރޭގައި އަސްލަމް ހިމެނޭ ކަމަށާއި އެމްޑީޕީގެ ނައިބު ރައީސް ގެ މަގާމު ހައްގު ކަމަށެވެ.
އަސްލަމްގެ އިތުރުން އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ތާއީދު ކުރައްވާކަން ނިޒާރު ވަނީ ހާމަކޮށްފައެވެ. އަސްލަމް ނައިބު ރައީސް ކަމަށް ވާދަކުރަނީ ހުސްވި ދައުރު ނައިބު ރައީސަކަށް ހުންނެވި މުހައްމަދު ޝިފާޒާއެވެ.