މިހާރު ބައެއް ކުންފުނިތަކުން ބޭހާއި އެހެނިހެން ސާމާނު ވިއްކަނީ 400 ޕަސެންޓްގެ ބޮޑު ފައިދާއެއް ލާފައި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަންހެން ކަނބަލުން އިސް ނަގައިގެން ޖުމްހޫރީ މާލަމް މ. ކުނޫޒުގައި ބޭއްވި އަންހެނުންގެ ޙާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް ވިދާޅުވީ ރާއްޖޭގައި ބޭހާއި ސިއްޙީ ހިދުމަތައް ބޭނުންވާ ބައެއް ސާމާނު ވެސް މިހާރަށް ވުރެއް އަގު ހެޔޮކޮށް ގަންނަން ލިބޭނެ އިންތިޒާމް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހަމަޖައްސައިދޭނެ ކަމަށެވެ.
މީގެ އިތުރުން ބޭރުގެ ގައުމުތަކުގައި ބޭސް ލިޔަނީ ޑޮކްޓަރު ކަމަށާއި އެ ބޭސް ސިޓީ ނަރުހެއްގެ އަތަށް ދިނުމުން ބަލިމީހާ އަށް އިތުރު ތަނަކަށް ނުގޮސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަ ކަމަށް ވިދާޅުވަމުން މިހާރު ކުރައްވާ ބައެއް ދަތުރުތަކުގައި ބައެއް ރަށްރަށުގެ އަންހެނުން ބޭހަށް ސަލާން ޖަހާތަން ފެނުމުން ހިތާމަކުރައްވާ ކަމަށްވެސް މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ޤާސިމް ވިދާޅުވި އެވެ.
އަންހެނުންނަކީ ސަރުކާރުގެ ފަރާތުން ރަށްރަށަށް ދާ ވަފުދުތަކަށް ކައްކާ ކާން ދޭން ތިބޭ ބައެއްގެ ގޮތުގައި ތިބި ތިބުން އެ މަނިކުފާނުގެ ވެރިކަމުގައި ނައްތަވާލައްވާނެ ކަމަށާއި އެ މަނިކުފާނުގެ ވެރިކަމުގައި އަންހެނުންނަކީ ޝަރަފްވެރި ބައެއް ކަމަށް ހައްދަވާނެ ކަމަށް ވެސް ޤާސިމް އިބްރާހިމް ވިދާޅުވި އެވެ.
ޤާސިމް އިތުރަށް ވިދާޅުވީ ރަށްރަށަށްކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކުގައި ފާހަގަ ކުރެވުނު އެންމެ ބޮޑު އެއް ކަމަކީ މާބަނޑު އަންހެނުން ވިހަން ޖެހުމުން އެކަމަށް ބޭނުންވާ ވަސީލަތްތައް ނެތިގެން މާލެ އަންނަން ޖެހޭ ޖެހުން ކަމަށާއި ހޮސްޕިޓަލްތައް ހުރި ބައެއް ރަށްރަށުގައި ސިޒޭރިއަން ހެދޭނެ ގޮތެއް ނެތުމުގެ އިތުރަށް ބައެއް ޓެސްޓްތައް ވެސް ހެދެން ނެތުމުން އެކަމާ އަޖައިބުވެ އަންތަރީސްވެ ވަޑައިގެންނަވާ ކަމަށެވެ.
އަދި މާބަނޑު އަންހެނުން ސްކޭން ކުރާނެ މެޝިނެއްގެ އިތުރަށް ކޮންމެ ރަށެއްގައި ވެސް މެދު މިނުގެ ލެބޯޓަރީއެއް ގާއިމްކޮށް ދެއްވާނެ ކަމަށް ޤާސިމް ތަކުރާރުކޮށް ވިދާޅުވި އެވެ.
ހަމަ ހެންމެ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ބޮޑު ބައްޔެއް ޖެހިގެންދާ މީހާ އަށް ވެސް ފަރުވާ ނުދެވި ނުހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.