މީހުން މަރަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޮވަމުންދާއިރު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެއްވެސް ފިޔަވަޅެއް ނާޅައި ހިމޭނުން އިންނަވާ އިންނެވުން ބަލައިނުގަނެވޭނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދުގެ ކަންބޮޑުވުން މިކަމާ ގުޅޭގޮތުން ރޭ ޓުވީޓަކުން ވެސް ބަޔާންކޮށްފައިވާއިރު އޭގެ ކުރިން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ހިމެނޭ ވަޓްސްއަޕް ގްރޫޕެއްގައި ވެސް އެވާހަކަ ދައްކަވާފައިވާ ކަމަށް ޚަބަރު ފެތުރިފައިވެއެވެ.
އެގޮތުން ކޮންމެ ހަފްތާ ބަންދެއްގައި "ނަބިއްޔާގެ ދިފާއުގައި" ގެ ނަމުގައި އަތޮޅު ތެރޭގެ އެކި ރަށްރަށުގައި ބާއްވާ އެއްވުންތަކުގައި ގޮވާލާ ގޮވާލުންތަކުގެ ތެރޭގައި އެމްޑީއެންގެ ވެރިންނަށް މަރުގެ އަދަބު ދޭން ގޮވުން ވެސް ހިމެނޭ ކަމަށާއި ގައުމުގެ ހަމަޖެހުން ނަގާލައި މީހުން މަރަން ގޮވާލާއިރު ހޯމް މިނިސްޓްރީން އެކަމާ ފިޔަވަޅެއް ނާޅާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ޖަމިއްޔާ މިހާރު ވަނީ ވަގުތީ ގޮތުން ސަސްޕެންޑު ކޮށްފައެވެ. އަދި ރިޕޯޓު އެކުލަވާލުވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓު ވެސް ވަނީ ފޮނުވާފައެވެ.
ފުލުހުން ވަނީ މީގެ ކުރިން މިރިޕޯޓާ ގުޅިގެން އެއްވެސް ފަރާތަކުން އަނިޔާވެރި އަމަލުތަކަށް ހިތްވަރު ނުދިނުމަށް ގޮވާލާފައެވެ. އަދި މައްސަލަ ސިޔާސީ ނުކުރުމަށް ވެސް ހޯމް މިނިސްޓްރީން އެދިފައިވެއެވެ.