އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތް ބިޝާމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، އެމްއެމްޕީއާރްސީ ޚިޔާނާތުން ލިބުނު ފައިސާގައި ހިފިކަމަށް ކުރެއްވި ތުހުމަތަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ފިނި ރައްދެއް ދެއްވައިފިއެވެ.
މާލިއްޔަތު ކޮމިޓީގައި ހިމެނޭ ހަތަރު މެމްބަރެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ޕީޖީ ކުރެއްވިއިރު އެ ހަތަރު މެމްބަރުންގެ ތެރޭގައި ހިމެނެނީ ޝަރީފްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ އިތުރުން އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.
ތުހުމަތުތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ކޮންމެ ބަޔަކަށް ވެސް ތުހުމަތެއް ކުރެވިދާނެ ކަމަށެވެ. ނަމަވެސް ތުހުމަތު ސާބިތުކުރަން ދެފުށް ފެންނަ ޝަރީއަތެއް ބާއްވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. ޕީޖީ ވަނީ އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި ޝަރީފް ހާޒިރުވެ އިންނެވުމުން ތަނާޒުލް ވުމަށް އެދިވަޑައިގެންފައެވެ. އެދިވަޑައިގަތުމާ އެއްގޮތަށް ޝަރީފް ވަނީ ކޮމިޓީ ބައްދަލުވުން ދޫކޮށް ވަޑައިގެންފައެވެ.
ޕީޖީ ބިޝާމްގެ ތުހުމަތާ ގުޅިގެން އިތުރު މެމްބަރަކު އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް އެމްއެމްޕީއާރްސީ ފައިސާ ނެންގެވި މެމްބަރުން އެބަ ތިއްބެވި ކަމަށް ޕީޖީ ވިދާޅުވެފައިވާއިރު އެ ފައިސާގައި ބައިވެރިވި މީހުން ކެބިނެޓުގައި ވެސް އެބަ ތިއްބަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ނަމަވެސް އެކަމާ ގުޅިގެން އަދި ސަރުކާރުން އެއްޗެއް ބުނެފައެއް ނުވެއެވެ. 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމުނުއިރު ވެސް އެ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ފައިސާގައި ހިފި މެމްބަރުން އޭސީސީ އިން ހާމަކޮށްފައެއް ނުވެއެވެ.