މިއަދު ރައްޔިތުންގެ މަޖިލިސް ތެރޭގައި ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ކެލާ ދާއިރާގެ މެމްބަރު މުހައްމަދު ޝަރީފަށް ހަމަލާއެއް ދީފައިނުވާނެ ކަމަށާއި، އެމަނިކުފާނު ކޮށްލެއްވީ ސަމާސާއެއް ކަމަށް ޖޭޕީން ބުނެފިއެވެ.
ނޫސްވެރިން ހިމެނޭ ވައިބަ ގްރޫޕެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ ގާސިމަކީ މީގެ ކުރިންވެސް ސަމާސާ ކުރައްވާ ބޭފުޅެއް ކަމަށެވެ. ސަމާސާއަކަށް ކުރީގެ ރައީސް ނަޝީދާ ދެބޭފުޅުން ވެސް ސަމާސާ ކުރައްވާ ކަމަށާއި މިއީވެސް އެފަދަ ކަމެއް ކަމަށް އަލީ ބުނެފައިވެއެވެ.
އަދި ގާސިމް އެއްވެސް ހާލަތެއްގައި އަނިޔާއެއް ކުރުމުގެ މޭރުމެއްގައި މެމްބަރު ޝަރީފަށް ހަމަލާ ދީފައިނުވާނެ ކަމަށާއި އެގޮތަށް ބައެއް ފަރާތްތަކުން ފަތުރަނީ ދޮގު ޚަބަރެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ގާސިމް ދިއްކޮށްލެއްވި އަތުން ޝަރީފްގެ ބޮލުގައި ޖެހި އޭނާ ވަނީ ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ. ޝަރީފް ހޮސްޕިޓަލަށް ގެންދިޔައީ ގާސިމް ހަމަލާ ދީގެން ބޮލަށް އެނބުރުން އަރައިގެން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ އަލީ އާޒިމް ވިދާޅުވިއެވެ.
އަދި މިކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ވެސް މިހާރު ގެނެވިފައިވާއިރު ރައީސް ނަޝީދު އަދި މިކަމާ ގުޅޭގޮތުން އެއްޗެއް ހާމައެއް ނުކުރައްވައެވެ.