ދިވެހި ރާއްޖޭގައި އާބާދީގެ ގޮތުން ވަޒީފާ އަދާކުރާ މީހުން މަދު ނަމަވެސް ވަޒީފާތައް ހެސްކިޔާފައި އެބަހުރި ކަމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ވަޒީފާ ބޭނުން ބަޔަކަށް ލިބޭނެ ވަޒީފާ ރާއްޖޭގައި އެބަހުރި ކަމަށެވެ. މިހާރު ރާއްޖޭގެ ވަޒީފާގެ މައިދާނުގައި ލައްކައެއްހާ ވަޒީފާ ބޭރު މީހުން އަދާ ކުރާކަމީ އެކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ވަޒީފާ ބޭރު މީހުންނަށް ދެނީ ބޭރު މީހުން އަގުހެޔޮ ވާތީ ކަމަށާއި އެއީ ވިޔަފާރީގެ އުސޫލު ކަމަށް ސިޔާމް ވިދާޅުވިއެވެ. ޚާއްސަކޮށް ބަންގްލަދޭޝް ލޭބަރުން ގިނަވަނީ ވެސް އެސަބަބާ ހެދި ކަމަށް ސިޔާމް ވިދާޅުވިއެވެ.
އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައަޅާއިރު ކަނޑައަޅަން ވާނީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހިންނަށް އެކަނި ކަމަށެވެ. ސަބަބަކީ އިގްތިސޯދަކީ އަބަދު ވެސް ސަޕްލައި އެންޑް ޑިމާންޑަށް ދައުރުކުރާ އެއްޗެއް ކަމަށާއި އެނޫން ގޮތަކަށް އިގްތިސޯދުގެ އެއްވެސް އެއްޗެއް ކަނޑައަޅައިފި ނަމަ، އެ އިގްތިސޯދެއް ހަލާކުވެދާނެތީ ކަމަށެވެ.