އިސްލާމްދީނާއި މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓު ކުށްވެރި ކުރުމަށް ކައުންސިލުން ބަޔާނެއްް ނެރުމަށް ހުޅުދޫ ރައްޔިތުންގެ ފަރާތުން ކައުންސިލަރު އިބްރާހިމް ޝުކުރީ އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ)އަށް ފޮނުވި ސިޓީ "ގެއްލިއްޖެ"އެވެ.
ކައުންސިލަރ ޝުކުރީ ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި މާތް ރަސޫލާ އާއި އިސްލާމް ދީނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައިވާތީ އެކަން ކުށްވެރި ކުރުމަށް ކައުންސިލުގެ ފަރާތުން ބަޔާނެއް ނެރުމަށް އެދި މޭޔަރަށް ފޮނުވި ސިޓީ ވީނުވީއެއް ނޭގި "ގެއްލިފައިވާ"ކަމަށް ކައުންސިލުން ޖަވާބު ދީފައިވާ ކަމަށެވެ.
" އެމްޑީއެންގެ މައްސަލާގައި އެންމެ ފުރަތަމަ ކައުންސިލަރުން ހިމެނޭ ވައިބާ ގްރޫޕެއްގައި ލިޔުނީ މި ރިޕޯޓު ބަލައި ނުގަނެވޭ ކަމަށާއި ރާއްޖޭގެ އެހެން ކައުންސިލްތަކުން ވެސް މި ރިޕޯޓު ކުށްވެރި ކުރަމުން އަންނަ ކަމަށް، އެކަމަކު އެވާހަކައަށް އެއްވެސް ބޭފުޅަކު އެއްޗެއް ވިދާޅެއް ނުވި، ދެން އަޅުގަނޑު ލިޔުނީ މޭޔަރ އަށް އެޑްރެސްކޮށް ކައުންސިލް ބައްދަލުވުމުގައި މިކަމަށް މަޝްވަރާކޮށް ނިންމުމަށް، އެކަމަކު އަންގާރަ ދުވަހުގެ ކައުންސިލް ބައްދަލުވުމަށް އެޖެންޑާ ނުކުރުމުން ބެލި އިރު ސިޓީ "ގެއްލިއްޖެ"" ޝުކުރީ ވިދާޅުވިއެވެ.
ޝުކުރީ ވިދާޅުވީ މިފަދަ ބޮޑު މައްސަލާގައި އައްޑޫ ކައުންސިލް ހިމޭނުން އޮންނަ އޮތުން ބަލައި ނުގަނެވޭ ކަމަށެވެ. އަދި ހުޅުދޫ ރައްޔިތުން ތިބީ މި ރިޕޯޓާއި ދެކޮޅަށް ކަމަށް ޝުކުރީ ވިދާޅުވިއެވެ.
"ކައުންސިލުން ސިޓީ ގެއްލިއަސް އޭގެ ކޮޕީއެއް އެބައޮތް، މިއީ ވަރަށް ހެއްވާ ކަމެއް، ކައުންސިލަށް ފޮނުވި ސިޓީ ގެއްލުން މިއީ" ޝުކުރީ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ކައުންސިލްގެ މީޑިއާ އާއި ހަވާލުވެ ހުންނެވި އޮފިޝަލަށް ދެ ފަހަރެއްގެ މަތިން ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އިތުރު މައުލޫމާތު ސާފުވާގޮތް ނުވެފައެވެ.
ރާއްޖޭގެ 78 ކައުންސިލަކުން އެމްޑީއެންގެ ރިޕޯޓު ވަނީ ކުށްވެރިކޮށް ބަޔާން ނެރެފައެވެ. އައްޑޫ ސިޓީ ކައުންސިލުން މި ރިޕޯޓާއި ގުޅިގެން ހިމޭނުން ތިބޭތީ ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް އަދި މިހާތަނަށް ކައުންސިލުން އެއްވެސް ވާހަކައެއް ނުދައްކައެވެ.
އައްޑޫ ސިޓީ ކައުންސިލަކީ މީގެ ކުރިން އެކި ކަންކަމުގައި އެންމެ އަވަހަށް ބަޔާން ނެރޭ ކައުންސިލެވެ. އެގޮތުން ސަރުކާރުތައް ބަލައި ނުގަތުމަށް ވެސް ބަޔާން ނެރެފައިވެއެވެ.