ހުޅުމީދޫ ބޮޑު މަގުގައި ތާރުއަޅައި ނިމޭނީ އަންނަ ފެބްރުއަރީ މަހުގައި ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މީދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ރަސްމީކޮށް ފެއްޓުމަށްޓަކައި މިއަދު ހެނދުނު މީދޫ ބަނދަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ކޮންސްޓްރަކްޝަން އެންޑު ޕްރޮޖެކްޓްސް އަހުމަދު ލަޠީފު ވިދާޅުވީ މަގުގެ މަސައްކަތް ލަސްވަމުންދާ ސަބަބު ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ބޭނުންކަމަށެވެ.
ލަޠީފު ވިދާޅުވީ 8 މަސް ދުވަހުން ނިންމަން އެމްޓީސީސީ އާއި ހަވާލު ކުރި މަގުގެ ޕްލޭނަށް ފަހުން ބޮޑެތި ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މަގުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތަކީ ފަހުން ޕްރޮޖެކްްޓަށް އިތުރު ކުރެވުނު މަސައްކަތެއް ކަމަށާއި އެކަމަށް ބޭނުންވާ ސާމާން ހޯދައި މިހާރު ރާއްޖެ ގެނެވިފައިވާ ކަމަށެވެ.
"މަގުގެ މަޝްރޫއަކީ ވަރަށް ގިނަ ކަންކަން އޭގައި ހިމެނޭ ކަމެއް، އެންމެ ފުރަތަމަ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ޕަބްލިކް ވޯކްސްއިން އޭރު މަސައްކަތް ކުރިއަށް ގެންދިޔަ ގޮތަކަށް ނޫން މިހާރު އެމްޓީސީސީން މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، މަގުގެ މަސައްކަތަށް ވަރަށް ގިނަ ބަދަލުތަކެއް މިހާރު ވަނީ ގެނެވިފައި، އޭގެ ތެރެއިން އެއް ބަދަލަކީ ސްޓޯމް ވޯޓަރ ސިސްޓަމް ގާއިމް ކުރުން"
ލަޠީފު ވިދާޅުވީ މަގުގެ މަސައްކަތް ކުރިއަށްދާ ސްޕީޑުގެ ޝަކުވާ ސޯޝަލް މީޑިއާގައިވެސް ބައެއް ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން އަންނަ ފެބްރުއަރީ މަހު މަގުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ.
ލަޠީފު ވިދާޅުވީ މަގުގައި ތާރު އެޅުމުގެ ކުރިން އަޅަން ޖެހޭ ހިލަ ހުޅުމީދޫއަށް ގެނެވިފައިވާ އިރު ސްޓޯމްވޯޓަރ އެޅުމަށް ބޭނުންވާ ސާމާންވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުޅުމީދޫއަށް ގެނެވޭނެކަމަށެވެ.
ހުޅުމީދޫ ބޮޑު މަގު ހެދުން އެމްޓީސީސީ އާއި ހަވާލުކޮށާްފައިވަނީ މަޖްލިސް އިންތިހާބުގެ 1 ދުވަސް ކުރިން ނައިބް ރައީސް ފައިސަލް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 8 މަސް ދުވަހުގެ މުއްދަތެކެވެ.