ރައީސް މުހައްމަދު ނަޝީދު އަކީ އެމްޑީޕީގެ ހަގީގީ ބާނީ ކަމަށާއި ނަޝީދު ނެތިއްޖެ ނަމަ އެމްޑީޕީ ނިކަމެތި ވެދާނެކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ނައިބް ރައީސް ކަމަށް ވާދަކުރައްވާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި އެމަނިކުފާންގެ ސަޕޯޓަރުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ ނަޝީދަކީ އެމްޑީޕީގެ ހަގީގީ ބާނީ ކަމަށާއި އެމަނިކުފާނަށް އަބަދުވެސް ފުރިހަމަ ތާއިދާއި އެއްބާރުލުން އޮންނާނެކަމަށެވެ.
"ރައީސް ނަޝިދަކީ، މި ޕާޓީގެ ހަގީގީ ބާނީ. މި ޕާޓީ އުފެއްދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ވަރުގަދަ ލީޑަރެއް. އެމަނިކުފާނު ނެތިދިޔައިއްޔާ މުޅި ޕާޓީ އެތައް ގުނައަކަށް ބަލިވެ ނިކަމެތިވެދާނެ،"
އަސްލަމް ވިދާޅުވީ އެމްޑީޕީގެ ނައިބް ރައީސަކަށް ކުރިމަތިލެއްވީ ޕާޓީ އިދާރީ ހިންގުން ހަރުދަނާކުރެއްވުމަށާއި ޕާޓީގެ ދައުރު ސަރުކާރު ހިންގުމުގެ ތެރޭގައި ވަރުގަދަ ކުރުމަށްކަމަށެވެ.
އަސްލަމް ވިދާޅުވީ ނައިބް ރައީސް ކަމުގެ މަގާމަށް އިންތިހާބުވެއްޖެ ނަމަ އަހަރަކު އެއް ފަހަރު ޕާޓީގެ ކޮންގްރެސް ބާއްވާނެކަމަށެވެ. މީގެ އިތުރުން ސަރުކާރު ގެނައުމަށް ގުރުބާންވި އެތައް ބަޔަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ އިރު އެ މީހުންގެ ހައްގުތައް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ ނައިބް ރައީސް ކަމަށް އަސްލަމް އާއި އެކު ދެން ވާދަކުރައްވަނީ މިހާރުގެ ވެސް ނައިބް ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ)އެވެ. ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުން އަންނަ އަދި މިހާރުގެވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއެވެ.