Last Updated: February 2, 05:49
Sunday, February 2, 2025
ޚަބަރު

ގައުމީ މުނާސަބާތަށް ހަނދާންކޮށްދެނީ އެކުވެރިކަމުގައި ތިބުމުގެ މުހިއްމުކަން

ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ގައުމީ މުނާސަބާތަށް ހަނދާންކޮށްދެނީ އެކުވެރިކަމުގައި ދެމިތިބުމުގެ މުހިއްމުކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ގައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރައްޔިތުންނަށް ފޮނުއްވާ ކުރެއްވި ޓްވީޓެއްގައެވެ.

"މިފަދަ ކޮންމެ މުނާސަބަތެއް ހަނދާންކޮށްދެނީ އެކުވެރިކަމާއި ޞުލްޙަވެރިކަމުގައި ދެމިތިބުމުގެ މުހިންމުކަން" ރައީސް ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޤައުމިއްޔަތެއްގެ އެންމެ މުހިންމު ސިފައަކީ، ދާޚިލީ ގޮތުންނާއި ޚާރިޖީ ގޮތުން، އަދި ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް، އަމިއްލަ ހައިސިއްޔަތުން ބަސްބުނެ، އަޑު އުފުލުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުން ކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން އެ މިނިވަންކަން އެއްވެސް އިމެއް މިނެއްނެތި، ނާޖާއިޒު ގޮތުގައި ބޭނުންކުރަން ފެށި ކަމަށާއި މިއަދު އެކަމުގެ ނުރަނގަޅު އަސަރު ޤައުމިއްޔަތަށް އަދި ޢާންމު ދިރިއުޅުމަށްވެސް ފޯރާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. މިދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހި ޤައުމު މިނިވަން ކުރުމަށް އަލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ކުރެއްވި މިންނެތް މަސައްކަތުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.