މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާއި މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އަށް ގާނޫނީ ފިޔަވަޅު އަޅައިފިނަމަ އެއްވެސް ސިޔާސީ ހުޅު ރޯނުކުރެވޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
އިޔާޒު މިހެން ވިދާޅުވެފައިވާއިރު ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމުގެ ފުރުސަތު ނުދޭން ރާއްޖޭގެ އިލްމުވެރިންނަށް ގޮވާލައްވާފައެވެ.
މި ވާހަކަތަކާ ގުޅިގެން އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ ހަމަޖެހުމަށްޓަކާ ލަސްނުކުރައްވާ އެމްޑީއެންއާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާ ދެއްވުމަށް އެދޭ ކަމަށެވެ. އޭރުން އެއްވެސް ބަޔަކަށް ސިޔާސީ ހުޅު ރޯ ނުކުރެވޭނެ ކަމަށް އިޔާޒު ވިދާޅުވިއެވެ.
"ބަޔަކު މީހުން ސިޔާސީ ހުޅު ރޯކުރަން ދަރު އަޅަނީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކުން އެކަމުގައި ފަހަތު ފަޔަށް ބަރުވެފައި ތިބީމަ. އެކަން އެގޮތަށް ވެދާނެކަން ދީނީ އިލްމުވެރިން ވަނީ ތަފާތު ގޮތް ގޮތަށް މަނިކުފާނަށް ދަންނަވާފައި" އިޔާޒު ވިދާޅުވިއެވެ.
އަދި ބަޔަކު މީހުން އިސްލާމްދީނުގެ ނަމުގައި ނުރަނގަޅު ކަންތައްތަކެއް ކުރަން ގޮވި ނަމަވެސް އެއީ އިސްލާމްދީނާއި ގުޅުންހުރި ކަންތައްތަކެއް ނޫން ކަމަށާއި އިސްލާމްދީނަކީ ހަމަޖެހުމާއި އުފާވެރިކަން ހޯދައިދޭ ދީނެއް ކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.
އެމްޑީއެންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ރިޕޯޓު ލިޔުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ފުލުހަށް ހާޒިރުވާން މިހާރު ވަނީ ޗިޓު ހަވާލުކޮށްފައެވެ. ނަމަވެސް މިކަމުގައި އަމަލީ ގޮތުން ބައިވެރިވި އިސް މީހުން މިވަގުތު ތިބީ ރާއްޖެ އިން ބޭރުގައެވެ.
2015 ވަނަ އަހަރު ނެރުނު އެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ ސަސްޕެންޑްކޮށްފައިވާއިރު، ގިނަ ބަޔަކު އަންނަނީ އެ ޖަމިއްޔާ އުވާލަން ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް އިތުރު ފިޔަވަޅެއް އެ ޖަމިއްޔާއާ މެދު އަޅާނީ ފުލުހުން މިހާރު ކުރަމުންދާ ތަހުގީގަށްފަހު ކަމަށް ސަރުކާރުން ބުނެއެވެ.