އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު އަތުން ފައިސާ ލިބުނު ކަމަށް ބުނާ ފަރާތްތަކުގެ ތެރޭގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންވެސް ހިމެނޭތީ އެކަމުގެ ތަފްސީލު ހޯދަން އޭނާ އަމިއްލައަށް ފުލުސް އޮފީހަށް ވަޑައިގެންފިއެވެ.
އަލީ ހުސެއިން ވިދާޅުވީ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ނޯޓު ކޮށްފައިވަނީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ކުރިން އަދީބުގެ އަތުން ދެފަހަރެއްގެ މަތިން ލިބުނު ފަސް ލައްކަ ރުފިޔާގެ މައްސަލަ ކަމަށެވެ. ނަމަވެސް އެ ފައިސާއަކީ އަދީބު، އޭނާގެ ލޯ ފާމުން ހޯދި ޚިދުމަތަށް ދޭން ޖެހޭ އަގު ކަމަށާއި އަދިވެސް އެއަގުގެ ޖުމުލަ ލިބިފައިނުވާ ކަމަށް އަލީ ވިދާޅުވިއެވެ.
އަދީބުގެ އެކި އެކި ކަންކަމުގައި، 2011 ވަނަ އަހަރުން ފެށިގެން ގާނޫނީ ގޮތުން މަސައްކަތް ކޮށްދީފައިވާނެ ކަމަށް އަލީ ހުސެއިން، "މިހާރު" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ. އެ މަސައްކަތާ ބެހޭ ލިޔެކިޔުންތައް ވެސް މިހާރު ފުލުހަށް ހުށައަޅާފައިވާނެ ކަމަށާއި، މަސައްކަތުގެ ފައިސާ އަކީ ޚިޔާނާތުގެ ފައިސާގެ ގޮތުގައި ބަލަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ފާހަގަކުރިއެވެ.
އަލީ ހުސެއިން ވަނީ އަދީބުގެ ބާރު ސަރުކާރާއި މަޖިލިސް ތެރޭގައި އޮތް ދުވަސްވަރުވެސް އޭނާއާ އެއްކޮޅަށް އެއްވެސް ވޯޓެއް ދެއްވާފައިނުވާނެ ކަން، ޚިޔާނާތުގައި ބައިވެރިނުވާކަމުގެ ހެއްކެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި މަޖިލިސް މެމްބަރަކަށް އިންތިޚާބުވި ފަހުން، އަދީބުގެ ފަރާތުން އެއްވެސް ފައިސާއެއް ލިބިފައިނުވާނެ ކަމުގެ ޔަގީންކަން ދިނެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ވެސް ގެންނަން އަދީބު މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް އަމިއްލަފުޅަށް އެކަން ގަބޫލުނުކުރެއްވީ ކަމަށް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގައި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ 14 މެމްބަރަކާއި ސަރުކާރު 7 ބޭފުޅަކު ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް(މަވޯޓާ)، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހިމެނޭ ކަމަށް ޕީޖީ ވިދާޅުވިއެވެ.