މިދިޔަ ޑިސެމްބަރު މަހު ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިނިސްޓްރީތަކަށް ދީފައިވާ އައްޑޫ ސިޓީ ކައުންސިލްގެ ބާރުތައް އަލުން ސިޓީ ކައުންސިލާ ހަވާލުކުރަން އެންގެވުމުން، ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ މަސައްކަތް އެކަނި ކަމަށް އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިގް ވިދާޅުވެއްޖެއެވެ.
އައްޑޫ ޕަބްލިކް ވޯކްސް ސައިޓުގައި މަސައްކަތް ކުރާ 100 މުވައްޒަފުންގެ ވަޒީފާ ބަދަލުވެ މުސާރައަށް ބަދަލުތަކެއް އައުމުގެ ސަބަބުން ހިތަދޫ ސައިޓުގެ ގިނަ މުވައްޒަފުންތަކެއް މިއަދު ވަނީ މޭޔަރ އަދި ޑެޕިއުޓީ މޭޔަރާ ބައްދަލުކުރައްވާ ރައީސުލް ޖުމުހޫރިއްޔާއަށް ޕެޓިޝަނެއް ހުށައަޅާފައެވެ.
ޕަބްލިކް ވޯކްސް މުވައްޒަފުންގެ ކަންބޮޑުވުންތައް އެއްސެވުމަށް ފަހު މޭޔަރ ވިދާޅުވީ، ރައީސުލް ޖުމުހޫރިއްޔާ އެންގެވީ މިނިސްޓްރީތަކަށް ނަގާފައިވާ ސިޓީ ކައުންސިލްގެ މަސައްކަތްތަކާއި ބަޖެޓާއި މުވައްޒަފުން ކައުންސިލާއި ހަވާލުކުރުމަށް ކަމަށެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ މަސައްކަތް އެކަނި ކަމަށާއި، މުވައްޒަފުންނަކީ އަދިވެސް ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުން ކަމަށް ސޯބެ ވިދާޅުވިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދުވެސް މުވައްޒަފުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްދީފިނަމަ މިއަދުން މިއަދަށްވެސް ސިޓީ ކައުންސިލުން ކޮންޓްރެކްޓު ދީ ކުރިންވެސް ލިބެމުން އައި މުސާރާގައި މަސައްކަތް ކުރެވޭނެ ގޮތް ހަދާދެވޭނެ ކަމަށް ސޯބެ ވިދާޅުވިއެވެ.
ޕަބްލިކް ވޯކްސްގެ މުވައްޒަފުންނަށް މިހާރު ދީފައިވާ ކޮންޓްރެކްޓް މާދަމާގެ ނިޔަލަށް ހަމަވާއިރު ސިވިލް ސާވިސްއަށް ޕްލޭނިން މިއަދު ހެނދުނު 10:00 ގެ ކުރިން ބަދަލުވުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. ނަމަވެސް އެގޮތަށް ބަދަލުވެއްޖެނަމަ މުސާރައިން ބޮޑު ބަޔެއް އުނިވާނެތީ މުވައްޒަފުން ވަނީ ބަދަލުވުމަށް ދެކޮޅު ހަދާފައެވެ.